ފޮރިން މިނިސްޓްރީ

ކުޅުންތެރިންނަށް ވިސާ ނުލިބުނު ސަބަބު ސާފުކޮށްދީފި

ބޭރުގެ ކުޅިވަރު މުބާރާތެއްގައި ދިވެހި އެތުލީޓުން ބައިވެރިވުމަށް ވިސާ ހަމަނުޖެހުމުގެ ސަބަބުން މުބާރާތް ބާއްވާ ގައުމަށް ދަތުރު ނުކުރެވުނު ސަބަބު ފޮރިން މިނިސްޓްރީން ސާފުކޮށްދީފި އެވެ.

އެމިނިސްޓްރީން މިކަން ސާފުކޮށްދީފައި މިވަނީ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށްޓަކައި ރާއްޖޭގެ ގައުމީ ޑަބަލްސް ޗެމްޕިއަން ފާތިމަތު ނަބާހާ އަބްދުއް ރައްޒާގާއި އާމިނަތު ނަބީހާ އަބްދުއްރައްޒާގަށް ވިސާ ހަމަނުޖެހުމުން މުބާރާތުގައި ވާދަކުރުމަށް ލިބުނު ފުރުސަތު ގެއްލިފައިވަނިކޮށެވެ.

ފޮރިން މިނިސްޓްރީން ދެންމެ ބުނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ދިވެހިރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ބޭރުގެ އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ވާދަކުރާ ދިވެހި އެތުލީޓުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށާއި މުބާރާތްތަކުގައި ބައިވެރިވާ ކުޅުންތެރިންނާއި އޮފިޝަލުންގެ ވިސާ ފަދަ އިންތިޒާމުތައް ހަމަޖެއްސުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

އެހެންނަމަވެސް ބައެއް މުބާރާތްތަކުން ދިވެހި އެތުލީޓުންނަށް ފުރުސަތު ލިބޭއިރު މުބާރާތް އޮންނަ ތާރީހު ވަރަށް ކައިރިވެފައި އޮންނާތީ އެ ގައުމުތަކަށް ދަތުރުކުރުމަށް ބޭނުންވާ ވިސާ ހޯދުމަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަދި މިފަދަ ހާލާތްތަކުގައި އެ ގައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން ކުރެވޭ މަސައްކަތުން ވިސާ ލިބޭނެ އިންތިޒާމު ހަމަޖެހުނު ނަމަވެސް ވިސާ އެޕްލިކޭޝަން ސެންޓަރު ހުންނަ ގައުމަށް ދަތުރު ކުރުމާއި ވިސާ ޕްރޮސެސް ކުރުމަށް އެކަށީގެންވާ ވަގުތު ނެތުމުގެ ސަބަބުން އެފަދަ މުބާރާތްތަކުގައި ބައިވެރިވުމަށް ދިވެހި އެތުލީޓުންނަށް ހުރަސްތައް ކުރިމަތިވާ ކަމަށެވެ.

ދިވެހި އެތުލީޓުންނަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެ އެތުލީޓުންނަށާއި ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮރިން މިނިސްޓްރީއިން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން މިހާރެކޭ އެއްފަދައިން ކުރިއަށް އޮތްތަނުގައިވެސް ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަމަށްވެސް ބުންޏެވެ.

އެ މިނިސްޓްރީން ވަނީ ޗުއްޓީއަށާއި ވިޔަފާރިއަށް އަދި ތައުލީމު ހާސިލްކުރުމަށާއި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމަށް ބޭރުގެ ބައެއް ގައުމުތަކަށް ދަތުރުކުރުމުގައި ވިސާ ނަގަން ޖެހޭތީވެ މިފަދަ ބޭނުންތަކަށް ބޭރު ގައުމުތަކަށް ދަތުރު ކުރުމުހގެ ކުރިން ވިސާގެ ކަންކަން އޮންނަ ގޮތުގެ މައުލޫމާތު ސާފުކޮށް ދަތުރުކުރުމުގެ ކުރިން ދުރާލާ ވީހާވެސް އަވަހަށް ވިސާގެ ކަންތައް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަން ހަނދާންކޮށްދީފައެވެ. އަދި މި ދުވަސްވަރަކީ ކޮވިޑް-19ގެ ސަބަބުން އާއްމުކޮށް ވިސާ ނެގުމުގައި ހޭދަވާ މުއްދަތަށްވުރެ ދިގު މުއްދަތެއް ހޭދަވާ ދުވަސްވަރެއް ކަމަށްވުމާއެކު ވިސާ ނެގުމުގައި އިތުރު ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައިވެއެވެ.