މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ތިން ޖަލުން ކޮވިޑްގެ ކޭސްތަކެއް ފެނިއްޖެ

Dec 14, 2021

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގައި ދަށުގައި ހުރި ތިން ޖަލަކުން ކޮވިޑް-19ގެ ކޭސްތަކެއް ފެނިއްޖެ އެވެ.

ކޮވިޑްގެ ކޭސްތައް ފެނިފައިވަނީ ހުޅުމާލެ އާއި މާފުށި އަދި މާލެ ޖަލުންނެވެ.

ކަރެކްޝަނަލް ސާވިސް އިން މިރޭ ބުނީ ކޮވިޑްގެ އަލާމާތްތައް ހުރެގެން ނެގި ސާމްޕަލް ތަކުން ހުޅުމާލެ ޖަލުން އެއް އޮފިސަރަކާއި މާލެ ޖަލުން އަށް ގައިދީއެއްގެ އިތުރުން މާފުށި ޖަލުން ވެސް ގައިދީ އަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

"މިވަގުތު އިތުރު އޮފިސަރުންނާއި ގައިދީންގެ ސާމްޕަލް ދަނީ ނަގަމުން،" ކަރެކްޝަންސް އިން ބުނެފައިވެ އެވެ.

ކޮވިޑް ކޭސްތައް ފެނިފައިވާ ޖަލުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށްވެސް ކަރެކްޝަންސް އިން މައުލޫމާތު ދީފައިވެ އެވެ.

ކަރެކްޝަންސްގެ ޖަލުތަކުން މީގެކުރިން ވެސް ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނި ޖަލުތައް ލޮކްޑައުން ކޮށްފައިވެ އެވެ. އަދި ހައިރިސްކް ގައިދީން ގޭބަންދަށް ވެސް ބަދަލުކުރި އެވެ.

މީގެކުރިން ކޮވިޑްގެ އެންމެ ގިނަ ކޭސްތައް ފެނުނީ ހިންމަފުށި ޖަލުން ކަމަށްވީ ނަމަވެސް މިހާރު ކޮވިޑް ކޭސްތައް ފެނިގެން އުޅޭ ޖަލުތަކުގެ ތެރޭގައި ނުހިމެނޭ ހަމައެކަނި ޖަލަކީ ހިންމަފުށި ޖަލެވެ.