ރައްޔިތުންގެ މަޖިލިސް

އޭސީސީގެ މެންބަރުން ވަކިކުރަން ޖަލްސާއެއް!

Dec 14, 2021
1

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމާމެދު މަޖިލީހުން ގޮތެއް ނިންމުމަށް ދަައުރުން ބޭރު ޖަލްސާއެއް ބޭއްވުމުގެ މަޝްވަރާތައް ފަށައިފި އެވެ. މަޖިލީހުގެ އޮފިޝަލަކު އެކަން އަވަސްއަށް ޔަގީންކޮށްދިނެވެ.

މި މަހުގެ ނުވަވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ މެންބަރުން ވަކިކުރަން ހުށަހެޅުއްވީ އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލަތްދޫ ދާއިރާގެ މެންބަރުން އަހްމަދު ހަލީމް އެވެ.

މި ހުށަހެޅުމަށް ކޮމިޓީގެ ރިޔާސަތުން ވޯޓަށް އެހުމުން އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި ހަތް މެންބަރުންގެ އިއްތިފާގުންނެވެ. އެމްއެންޕީއަށް ނިސްބަތްވެވަޑައިގަންނަވާ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
އޭސީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އާއި، އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲ އެވެ. ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވަނީ މިމަހުގެ ދެވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. މި ބޭފުޅުންގެ ތެރެއިން ޝަކީލް ފިޔަވާ އެހެން ބޭފުޅުން އޭސީސީގެ މެންބަރު ކަމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ ސެޕްޓެމްބަރު 9، 2019 ގައެވެ. އޭސީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަންކުރައްވާ އޭނާ އަށް މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ އޮގަސްޓް 25، 2019 ގައެވެ.

ކޮމެޓީން މި ނިންމުން ނިންމިއިރު މަޖިލީސް މިހާރު އޮތީ ޗުއްޓީގައެވެ. މަޖިލީހުގެ ޖަލްސާތައް ދެން ފެށޭނީ އަންނަ އަހަރުގެ ފެބްރުއަރީ ފުރަތަމަ ހަފްތާގައެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީސް އަލުން ފެށުމުގެ ކުރީން ކޮމެޓީގެ އެ ނިންމުމަށް ތަޅުމުން ގޮތެއް ނިންމަން ޖެހެއެވެ. އެހެން ކަމުން ބައެއް މެންބަރުން ގެންދަވަނީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދެއްވުމަށް އެދިވަޑައިގެންފައެވެ. އެކަމާއި ގުޅިގެން މަޖިލީހުގެ ރައީސް މިއަދު ވަނީ މަޝްވަރާ ކުރައްވާފައެވެ.

މެންބަރަކު ވިދާޅުވީ މަޖިލީސް ޗުއްޓީގައި ވަނިކޮށް ޖަލްސާއެއް ބޭއްވުމަށް މަޝްވަރާތައް ދަނީ ހިނގަމުންނެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމަށް ނިންމާފައި މިވަނީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެވެ. ނަމަވެސް އަވަސް އެނގިފައިވާ ގޮތުގެ އޮޑިޓް އޮފީހުގެ ފައިނަލް ރިޕޯޓް ކޮމިޓީ އަށް އަދި ފޮނުވާފައެއް ނުވެ އެވެ.

އޭސީސީގެ މެންބަރުން އެކި ފަހަރު މަތިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކޮށް، އެ ބޭފުޅުންނަށް އެކަށީގެންވާ މަސައްކަތް ނުކުރެއްވޭ ކަމަށް ވިދާޅުވެ ކޮމިޓީގެ މެންބަރުން ވަނީ މީގެކުރިން ކޮމިޓީގައި އޭސީސީގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭސީސީގައި މިހާރު ތިއްބެވި މެންބަރުންނަށް އެކަށީގެންވާ މަސައްކަތް ނުކުރެއްވޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުން ވެސް ގެންދަނީ އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ކޮމިޝަނަށް މަސައްކަތް ނުކުރެވޭ ކަމަށް ބުނާ މައްސަލައިގެ ދިފާއުގައި ކޮމިޝަނުން ބުނެފައިވަނީ މައްސަލަތައް ތަހުގީގު ކުރުމަށް އެކަށީގެންވާ މުވައްޒަފުންނާއި ވަސީލަތާއި ބަޖެޓް ވެސް ނެތް ކަމަށެވެ.