ދުނިޔެ

އިޒްރޭލާ ގުޅުން ބަދަހިކުރަން ތައްޔާރު: ސައޫދީ

އިޒްރޭލާ ގުޅުން ބަދަހިކުރަން ސައޫދީ އަރަބިއްޔާ ތައްޔާރު ކަމަށް އެގައުމުން ބުނެފި އެވެ. ސައުދީން ބުނީ އަރަބިން ސުލްހައަށް އެދި 2002 ގައި ހުށަހެޅި ހުށަހެޅުމަށް އަމަލުކުރަން އިޒްރޭލު ތައްޔާރު ނަމަ، ސައޫދީ ވެސް ތައްޔާރު ކަމަށެވެ.

ސައުދީން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ ސަފީރު، އަބްދުﷲ އަލްމުއައްލަމީ އަރަބި ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިޒްރޭލުން އަރަބިންގެ ރުހުމަށް އެދޭ ނަމަ ރިޔާޒުން ހުށަހަޅަން އޮތީ އަރަބިންގެ ހުށަހެޅުން ކަމަށެވެ.

ސަފީރު ވިދާޅުވި އެއްބަސްވުން ގޮވާލަނީ އިޒްރޭލުން އަރަބިންގެ ބިންތައް ހިސޯރުކުރުން ހުއްޓާލުމަށެވެ. އަދި އިޒްރޭލުން 1967 ގައި ޖަހައިގަތް އަރަބި ބިންތައް ދޫކޮށްލުމަށެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ޝަރަފު ދިނުމަށާއި އިރުމަތީ ގުދުސް އަކީ ފަލަސްތީންގެ ވެރިރަށް ކަމަށް އިޒްރޭލުން ބަލައިގަތުމަށް ވެސް އެއްބަސްވުން ގޮވާލަ އެވެ.

މުއައްލަމީ ވިދާޅުވީ ގޯސްކަމެއް ވާނީ ގޯސްކަމަކަށް ކަމަށާއި އިޒްރޭލުން އަރަބި ބިންތައް ހިސޯރު ކުރުމަކީ ގޯހެެއް ކަމަށެވެ.

ސަފީރު އަދި ވިދާޅުވީ ރިޔާޒުން ވެސް އިޒްރޭލާ ގުޅުން ބަދަހިކުރަން އެދޭ ކަމަށާއި އެކަމަކު ސައޫދީގެ ހުށަހެޅުމަށް އިޒްރޭލު އެއްބަސްވާން ޖެހޭ ކަމަށެވެ.

ސަފީރު ވިދާޅުވީ އަރަބިންގެ އެއްބަސްވުން އިޒްރޭލުން ގަބޫލުކޮށްފި ނަމަ ލިބޭނީ ހަމައެކަނި ސައޫދީގެ ރުހުން ނޫން ކަމަށާއި މުސްލިމް ދުނިޔެއަށް ނިސްބަތްވާ 57 ގައުމުން އިޒްރޭލު ބަލައިގަންނާނެ ކަމަށެވެ.

މުއައްލަމީ ވިދާޅުވީ ވަގުތާ ގުޅިގެން ހެޔޮނުބައި ބަދަލެއް ނުވެ އެވެ. އޭނާ ވިދާޅުވީ ހާލަތު ބަދަލުކުރަނީ އިންސާނުން ކަމަށާއި އަރަބިންނާ އެކުވެރިވެ ގާތްވުމަށް އިޒްރޭލުގެ ކުރިމަތީގައި އޮތީ އަރަބިންގެ ހުށަހެޅުން ކަމަށެވެ.

ސައޫދީއާ އިޒްރޭލާ ގުޅުން ބަދަހިކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެވެމުން އެބަދެ އެވެ. އިޒްރޭލު ސަރުކާރުގެ ބާރުވެރިން ސައޫދީއަށް ވަރަށް ގިނައިން ދަތުރުކުރާ ކަމަށް ވެސް ޚަބަރުތައް ބުނެ އެެވެ.

1967 ގައި ކުރެވުނު އަރަބި-އިޒްރޭލު ހަނގުރާމައިގައި، އިޒްރޭލުން އިރުމަތީ ގުދުސް އަތުލައިގަނެ ޖީބަށް ޖަހާލި ގޮތަށް އަދި ވެސް ދެކިގެން ތިބީ އެއީ އެމީހުންގެ އަމިއްލަ ބިމެއް ކަމަށެވެ. އެހެން ނަމަވެސް ދުނިޔޭގެ އެއްވެސް ގުނަވަނަކުން އިޒްރޭލުގެ މި ނުބައި އަމަލު ރަނގަޅު ކަމަށް ބުނެފައެއް ނެތެވެ.