ކުނި މެނޭޖް ކުރުން

ކުނި ނައްތާލުމުގެ އެންމެ ބޮޑު މަޝްރޫއު އިފްތިތާހުކޮށްފި

ކުނި ނައްތާލުމަށް ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު، ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް އިފްތިތާހުކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

މިއީ ދިވެހި ސަރުކާރާއި ބޭރުގެ އެހީދޭ ހަ އޭޖެންސީއެއް މެދުވެރުކޮށް ހިންގާ މަޝްރޫއެކެވެ. މީގެ ތެރޭގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި، ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަން (ޖޭއެފްޕީއާރް) އާއި، ޓެކްނިކަލް އެސިސްޓެންޓް ސްޕެޝަލް ފަންޑް (ޓީއޭއެސްއެފް) އާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް(އައިއެސްޑީބީ) ހިމެނެ އެވެ.

މި މަޝްރޫއުގެ ޖުމްލަ އަގަކީ 304 މިލިއަން ޔޫއެސް ޑޮލަރު -- 4.7 ބިލިއަން ރުފިޔާ އެވެ.

މަޝްރޫއު ހާއްސަކޮށްފައިވަނީ ގްރޭޓާ މާލޭ ސަރަހައްދު ހިމެނޭހެން ހަތަރު އަތޮޅެއްގެ 35 ރަށަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ކ، އއ، އދ އަދި ވ. އަތޮޅު ހިމެނެ އެވެ.

މި މަޝްރޫއުގެ ދަށުން ރަށު ފެންވަރުގައި ކުނި މެނޭޖްކުރާނެ މަރުކަޒުތަކާއި، އެކަމަށް ބޭނުންވާނެ ވަސީލަތްތައް މި 35 ރަށުގައި ގާއިމުކުރެވިގެން ދާނެ އެވެ. އަދި ރަށްރަށުގައި އުފެދޭ ކުނީގެ ތެރެއިން ފަސޭހައިން ނައްތާނުލެވޭ ބާވަތްތަކުގެ ކުނިތައް ކައުންސިލްތަކާ ގުޅިގެން ރަށްރަށުން ބޭރުކުރުމަށްފަހު ތިލަފުއްޓަށް ގެނައުމަށްޓަކާ އެކަމަށް ހާއްސަ ތިން ލޭންޑިން ކްރާފްޓް ބޭނުންކުރާނެ އެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ތެރެއިން ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓަކާއި، ވެހިކަލް ޑިސްމެންޓްލިން ވޯކްޝޮޕެއްގެ އިތުރުން، ދުވާލަކު 250 ޓަނުގެ ކުނި ނައްތާލުމުގެ ގާބިލުކަން ލިބިގެންވާ ދެ އިންސިނަރޭޝަން ޕްލާންޓް ތިލަފުށީގައި ބަހައްޓާނެ އެވެ. އެއާއެކު ދުވާލަކު 500 ޓަނުގެ ކުނި ނައްތާލުމުގެ ކެޕޭސިޓީ ގާއިމުކުރެވޭނެ އެވެ.

މި ދެ އިންސިނަރޭޓަރު އޮޕަރޭޝަނަށް ގެނެވުމުން ކުރިއަށް އޮތް 15 އަހަރު މާލޭ ސަރަހައްދުގައި ކުނި މެނޭޖްކުރުމުގެ ކަންކަން އެއްވެސް ދަތިކަމެއްނެތި، ކުރިއަށް ގެންވޭނެ އެވެ. އަދި އިންސިނަރޭޓަރުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިއްޖެނަމަ 250 ޓަނުގެ ސިސްޓަމެއް އިތުރަށް ގާއިމުކުރެވޭނެ ޖާގަ ވެސް ތިލަފުށީގައި މި މަޝްރޫއުގެ ތެރެއިން ކަނޑައެޅިގެންދާނެ އެވެ.

މި މަޝްރޫއުގެ ދަށުން

  • ކުނިން ހަކަތަ އުފެއްދޭނެ ނިޒާމުގެ ތެރެއިން ދުވާލަކު 8 މެގަވޮޓާއި، 5.8 މެގަވޮޓާއި ދެމެދުގެ ކަރަންޓު ހަކަތައިން އުފައްދައި، ގްރޭޓަ މާލޭގެ ކަރަންޓުގެ މައި ވިއުގަ ތެރެއިން މި ކަރަންޓު ބޭނުންކުރެވޭނެ.
  • ތިލަފުށީގައި މިހާރު ހުރި ކުނީގެ ފަރުބަދަ ނައްތާލެތި ރަށުގެ މަލަމަތި ބަދަލުކޮށްލަނެ.

މި މަޝްރޫއު ޑިޒައިން ކޮށްފައިވަނީ ކޮންސްޓްރަކްޝަން ވޭސްޓާއި، ޕްލާސްޓިކް ކުނި ރިސައިކަލްކޮށް އަލުން ބޭނުންކޮށް އިންސިނަރޭޓަރުން ކުނި އެންދުމަށްފަހު ބާކީވާ، ބޮޓޮމް އޭޝް ނުވަތަ އަޅިތައް، މަގު ހެދުމާއި، ގާއެޅުން ފަދަ މަޝްރޫއުތަކުގައި ބޭނުންކުރެވޭނެ ގޮތަށެވެ. އަދި ތިލަފުށީގައި ކުނި މެނޭޖްކުރުމަށް ބޭލިން މެޝިނެއް ބޭނުންކޮށްގެން ކުނިތައް ބަންދުކޮށް ރައްކާތެރި ގޮތުގައި ސްޓޮކްކުރެވިގެން ދިއުމުގެ އިތުރުން ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށާއި، ރިސައިކަލް ކުރުމަށް ބާރުއެޅުމުގެ ގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދެވޭނެ އެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަަތްތައް ނިންމަން އަމާޒު ހިފާފައިވަނީ 2024 ވަނަ އަހަރަށެވެ. އަދި އެއާއެކު ތިމާވެއްޓާއި ރައްޓެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުނި މެނޭޖްކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ އެވެ.