އެމްޑަބްލިއުއެސްސީ

އޮޅުވެލިފުށީގެ ފެނާއި ނަރުދަމާގެ މަޝްރޫއު އިފްތިތާހުކޮށްފި

ޅ. އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

އޮޅުވެލިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއުގެ އަމަލީ މަސައްކަތުގެ ފެށުން އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ރައްޔިތުން މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ގަނީ އަބްދުލް ހަކީމެވެ.

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އޮޅުވެލިފުށްޓައް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ އިމާރާތުގެ މަސައްކަތުގެ 53 ޕަސެންޓް ވެސް މިހާރު ހުރީ ނިމިފަ އެވެ.

ފެނުގެ މަޝްރޫއުގެ ދަށުން އޮޅުވެލިފުށީގައި 9.72 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް އާރުއޯ ފެސިލިޓީގެ އިމާރާތެއް އަޅައި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބަހައްޓައި ފެން ރައްކާ ކުރުމަށްޓަކައި ތިން ތާންގީ ބަހައްޓާނެ އެވެ. އަދި ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުން ވެސް ހިމެނެ އެވެ.

އޮޅުވެލިފުށީގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި 6.56 ކިލޯ މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކޮށް 250 ކިލޯ މީޓަރުގެ ޕަންޕިން ލައިން އަޅައި ތިން ޕަމްޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ގާއިމްކުރާނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ ގެތަކަށް ނަރުދަމާގެ ހިދުމަތް ވެސް ދޭނެ އެވެ.

އޮޅުވެލިފުށީގައި ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަަޝްރޫއެކެވެ. މިމަޝްރޫއުގެ އަގަކީ 80.08 މިލިއަން ރުފިޔާ އެވެ.