އަރަބިއްޔާ ސްކޫލް

އަރަބިއްޔާގެ ދަރިވަރުންނަށް ވަކި ސްކޫލެއް ލިބެންޖެހޭ: އުމަރު

Dec 18, 2021
2

އިސްލާމް ދީން އޮތް ގައުމަކަށް ލާދީނިއްޔަތު ވުޖޫދު ވެއްޖެނަމަ އެންމެ ފުރަތަމަ ވެސް އެބަޔަކު ކޮކަޑި ލާނީ އިސްލާމީ ތައުލީމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ އަރަބިއްޔާ ސުކޫލު ހިންގާ އިމާރާތުގައި ރެނދުލައި އެތަން ބޭނުންކުރުން ރައްކާތެރިކަމަށް ނުފެންނާތީ އެ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް ބެލެނިވެރިން އިހްތިޖާޖުކޮށްފައި ވަނިކޮށެވެ.

އުމަރު ވިދާޅުވީ އަރަބިއްޔާ އަކީ ރާއްޖޭގައި އިސްލާމީ ތައުލީމު އުނގަންނައި ދިނުމުގެ މުހިއްމު އެއް ތަނބު ކަމަށެވެ. އެ މަދަރުސާ އަކީ ދިވެހި މުޖުތަމައުގެ އަހްލާގާއި, އިސްލާމީ ތަރުބިޔަތުގެ ރިވެތި އުސޫލު ދެމެހެއްޓުމުގައި މުހިއްމު ރޯލެއް އަދާކުރާ ތަނެއް ކަމަށެވެ. އަދި އެ މަދަރުސާއިން އިސްލާމީ ތައުލީމު އުނގެނެމުންދާ ގިނަ ދަރިވަރުންނަކީ އަހްލާގީ ގޮތުން ރިވެތި ނަމޫނާއެއް ލިބިފައިވާ ދަރިވަރުންތަކެއް ކަމަށެވެ.

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން އިނގިރޭސި މީޑިއަމްގެ ސްކޫލެއްގެ ތެރެއަށް މަސްހުނި ކޮށްލުމަކީ އިސްލާމީ ތައުލީމުގެ ބިންގާ ނެތިކޮށްލުމަށް ކުރެވޭ ކަމެއް ކަމަށްވެސް އުމަރު ސިފަކުރައްވާފައިވެ އެވެ. އެގޮތަށް އަމަލުނުކުރަން އިލްތިމާސް ކުރައްވާ އުމަރު ވިދާޅުވީ އަރަބިއްޔާގެ ދަރިވަރުންނަށް ވެސް ވަކި ސްކޫލެއް ހަމަޖައްސައިދޭން އެދޭ ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީން އެކަމަށް ބާރު އަޅައިދިނުމަށްވެސް އުމަރު އެދިވަޑައިގެންފައިވެ އެވެ.

"އެ މަދަރުސާގެ ލޮބުވެތި އުސްތާޒުންނާއި, އިއްޒަތްތެރި ބެލެނިވެރިން މިއަދު އެތިއްބެވީ ވަރަށް ބޮޑަށް ފިކުރުބޮޑުވެ ގޮތް ހުސްވެފަ އެވެ. ސަބަބަކީ ދަރިވަރުންނަށް ލިބެމުން ދިޔަ އިސްލާމީ ތައުލީމުގެ މަތިވެރި ރިވެތި އުސޫލުތައް ގެއްލިގެން ހިނގައިދާނެތީ އެވެ،" އުމަރު ވިދާޅުވި އެވެ.

އެޑިޔުކޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަން ޖެހޭތީ އެ ކުދީންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުންދީން ސުކޫލުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސުކޫލުތަކުގެ ތެރެއިން އެއް ސުކޫލު އަރަބިއްޔާއަށް ހާއްސަ ކުރަން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އަރަބިއްޔާގެ މިހާރުގެ އިމާރާތުގެ ސްޓްރަކްޗަރަލް އެސެސްމަންޓް ނިމުމުން އެ އެސެސްމަންޓްގެ ހުށަހެޅުންތަކާ އެއްގޮތަށް އެ އިމާރާތަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އެޑިޔުކޭޝަން މިނިސްޓްރީން ދީފައިވެ އެވެ. އަރަބިއްޔާގެ އިމާރާތް ހުންނާނީ އަބަދުވެސް އަރަބިއްޔާއަށް ހާއްސަކޮށްފައި ކަމަށްވެސް ބުނެފައިވެ އެވެ.