މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

21 މުވައްޒަފުންނަށް ދިން ނޯޓިސް ބާތިލްކޮށްފި

Dec 19, 2021
1

ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލް ސާވިސްގެ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ދިން ނޯޓިސް ބާތިލްކޮށްފި އެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ ހުސްކުރުމަށްފަހު އެތަނުގައި މަސައްކަތް ކުރަމުންދިޔަ 71 މުވައްޒަފަކަށް ނޯޓިސް ދީފައިވެ އެވެ. އޭގެފަހުން އެމީހުންނަށް ޖެންޑަ މިނިސްޓްރީގެ އެހެން ދިމަދިމާލުގައި ހުރި ފުރުސަތުތައް ބުނެދިނުމަށްފަހު 43 މުވައްޒަފަކަށް އެ މިނިސްޓްރީގެ އެކި އިދާރާތަކުން ވަޒީފާ ހަމަޖައްސައިވެސް ދިނެވެ. ނޯޓިސް ދިނުމާ އެކު ހަތް މުވައްޒަފަކު އަމިއްލަ އަށް ވަޒީފާ ދޫކޮށްލާފައިވެސް ވެއެވެ.

މިމަހުގެ އެއްވަނަ ދުވަހު ވަޒީފާއިން ވަކިކުރަން ނޯޓިސް ދިން 21 މުވައްޒަފުންނަކީ ސިވިލް ސާވިސް ކޮމިޝަންގެ ނިންމުމެއްގެ ދަށުން ނޯޓިސް ދިން މުވައްޒަފުން ކަމަށް ކުރިން ޖެންޑާ މިނިސްޓްރީން ބުނެފައިވެ އެވެ. ނޯޓިސް ދިން މުވައްޒަފުން އަލުން ވަޒީފާއަށް ނިކުތުމަށް އެންގި ނަމަވެސް ކުރީގެ ނޯޓިސް ބާތިލްކުރި ސަބަބެއް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މީގެކުރިން އަވަސް ވިދާޅުވީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނޯޓިސް ދިނީ ހިޔާގައި ތިބި ކުދިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުން، ހިޔާގައި ކުދިން ބަލަހައްޓަން ގިނަ މުވައްޒަފުން ބޭނުންނުވާތީ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ގިނަ އަދަދެއްގެ ކުޑަކުދިން ބައިތިއްބާފައި ތިބޭ ކުޑަކުދިންގެ ހިޔާގައި މި އަހަރުގެ ތެރޭ އަލިފާނުގެ ތިން ހާދިސާއެއް ހިނގާފައިވެ އެވެ. އަދި އެތަނުން ކުދިން ފިލައިގެންދިޔަ މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ.

މީގެ އިތުރުން ޖެންޑާއިން ކުދިން ބަލަހައްޓަން ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި ވެސް ވަނީ ބޮއްސުންލާފަ އެވެ. އެތަނުގެ ތެރޭގައި އަލިފާން ރޯކޮށްލުމާއި ކުދިން ފުރާޅުމައްޗަށް އަރައި އަޑުގަދަ ކުރުމުގެ މައްސަލަތަކެއް ވަރަށް ފަހުން ވަނީ ހިނގާފަ އެވެ. އެފަދަ ބޮޑެތި މައްސަލަތައް ފެންމަތިވަމުންދާއިރުވެސް އެ މައްސަލަތައް ހައްލުކުރުމަށް ޖެންޑާއަށް އެކަށީގެންވާ ވަރަށް ފިޔަވަޅު އެޅިފައެއް ނުހުރެ އެވެ.