ވަރި ކައިވެނި

ރީތި ތާރީހެއް: މިއަދު 57 ކައިވެނި

Dec 21, 2021

މިއަހަރުގެ އެންމެ ރީތި ތާރީހުގައި މިއަދު ރާއްޖޭގައި 57 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

ފެމެލީ ކޯޓުން މައުލޫމާތު ދިން ގޮތުގައި މިއަދު، 21/12/21 ގައި އެހާ ގިނަ ކައިވެނި ކުރަން ހަމަޖެހިފައިވަނީ ރީތި ތާރީހަކަށް ވުމުންނެވެ. އަދި މިއީ މިއަހަރުގެ އެންމެ ގިނަ ކައިވެނި ކުރާ ދުވަހެވެ.

ފެމިލީ ކޯޓުން ބުނެފައި ވަނީ މިއަދު ކޯޓުގައި 28 ކައިވެންޏެއް ކުރާނެ ކަމަށެވެ. އަދި ކޯޓުން ބޭރުގައި 29 ކައިވެންޏެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ފެމެލީ ކޯޓުގައި މިއަދު ވަނީ 11 ވަރީގެ މައްސަލަ ވެސް ތާވަލުކޮށްފަ އެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ރީތި ތާރީހުތަކުގައި ފާހަގަކޮށްލެވޭ ވަރަށް ގިނަ ކައިވެނި ކުރެ އެވެ. މިދިޔަ އަހަރު އެންމެ ގިނަ މީހުން ކައިވެނިކޮށްފައި ވަނީ 20/02/20 ވަނަ ދުވަހު އެވެ. އެދުވަހު 65 ކައިވެނި ކުރި އެވެ.

ކައިވެނި ޕާޓީތައް ކުލަގަދަކޮށް އަބަދުވެސް ރާއްޖޭގައި ފާހަގަކުރެ އެވެ. ފަހަކަށް އައިސް ރަންކިޔުމުގެ ރަސްމިއްޔާތު ވެސް ވަރަށް ކުލަގަދަކޮށް ރާއްޖޭގައި އަންނަނީ ފާހަގަކުރަމުންނެވެ.