ރައީސް މުހައްމަދު ނަޝީދު

އިންޑިއާ އައުޓް ހުއްޓުވަން ފުލުހުންނަށް ގޮވާލައިފި

Dec 21, 2021
17

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ފުލުހުންނަށާއި އެމްޑީޕީގެ މެންބަރުންގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ރައީސް ނަޝީދު އެދިވަޑައިގަތީ އެމްޑީޕީގެ މާލެ ސިޓީ ކޯކަސް ބައްދަލުވުމުގައި މިއަދު ވާހަކަދައްކަވަމުންނެވެ.

ސަލްޓަންޕާކްގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ މޭމަތީ އިންޑިއާ އައުޓް ޖައްސަވައިގެން ހިންގަވާ ކެމްޕޭނަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އިންޑިއާ އައުޓް ނުގޮވޭނެ ކަމަށެވެ.

ރައީސް ޔާމީނަށް ނުސީދާކޮށް އިންޒާރު ދެއްވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް މާލޭގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރަން ޖެހިއްޖެނަމަ އުދަނގޫވެވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން އެ ލަދުން ޕީޕީއެމްގެ މެންބަރުން ސަލާމަތް ކުރުމަށްޓަކައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ސަޕޯޓަރުންނާއި ފުލުހުން ނިކުމެ އެ ހަރަކާތް ހުއްޓުވަން އެދިވަޑައިގެންފަ އެވެ.

"އިނގިރޭސި ބޮޑުވަޒީރަށް ފްރާންސް އައުޓް ޖަހައިގެން ލަންޑަން މެދުގައި ވެސް ނުހިނގޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ގެންދަވަނީ އިންޑިއާ އައުޓް ކެމްޕޭނާ ދެކޮޅަށް ތަކުރާރުކޮށް ވާހަކަދައްކަވަމުންނެވެ. ނަމަވެސް މީގެކުރިން އެ ކެމްޕޭން ހުއްޓުވަން ނަޝީދު އެދިވަޑައިގެންފައެއް ނުވެ އެވެ.

އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ރައީސް ނަޝީދު ބޭނުންފުޅުވި ނަމަވެސް އެ ކެމްޕޭން ނުހުއްޓުވޭނެ ކަމަށާއި އިންޑިއާ އައުޓް ގޮވާނެ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ފޭބުމަށް ތަކުރާރުކޮށް ގޮވާލާފަ އެވެ. އަދި އިންޑިއާ ސިފައިން ފައިބަންދެން އެ ވާހަކަ ދައްކަވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.