އެމްޑަބްލިއުއެސްސީ

ގިނަަ ދާއިރާތަތަކުން އެމްޑަބްލިއުއެސްސީ ފައިތިލަ ސާބިތުކޮށްފި: ޝާހު

ފާއިތުވި އަހަރުތަކުގައި އެމްޑަބްލިއުއެސްސީގެ ވިޔަފާރި ފުޅާކޮށް ގިނަ ދާއިރާތަކެއްގައި ފައިތިލަ ސާބިތު ކޮށްފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ޝާހު މިހެން ވިދާޅުވީ އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދޭން މިރޭ ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ޝާހު ވިދާޅުވީ މީގެ 26 އަހަރު ކުރިން އެމްޑަބްލިއުއެސްސީ ފެށީ ފަސްދޮޅަހަކަށް މުވައްޒަފުންނާއެކު ކަމަށާއި ނަަމަވެސް މިހާރު ކުންފުނި ފުޅާކޮށް 1200 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ކަމަށެވެ.

އަދި ގައުމީ ފެންކުންފުނީގެ ގޮތުގައި އެމްޑަބްލިއުއެސްސީ ކުރިން ނަން މަޝްހޫރު ވިޔަސް މިހާރު އެ ކުންފުނިން އެކި ދާއިރާތަކުގެ ވިޔާފަރިތަަކަށް ވަދެފައިވާކަން ވެސް ޝާހު ފާހަގަ ކުރެއްވި އެވެ. އެގޮތުން ރ. ދުވާފަރުގައި ކުނި މެނޭޖް ކުރުމާއި ކަރަންޓްގެ ހިދުމަތް ދިނުން ފާހަގަ ކުރެއްވި އެވެ.

"މިއަދު މި ކުންފުނިން މިވަނީ އެހެނިހެން ދާއިރާތަކުގައި ވެސް ފައިތިލަ ސާބިތުކޮށްފައި. ޔުޓިލިޓީ ކުންފުންޏެއްގެ އިތުރުން
މިއަދު އެމްޑަބްލިއުއެސްސީ އަކީ އިންޖީނިއަރިން، މެންފެކްޗަރިން އަދި ޓްރޭޑިންގެ ދާއިރާއިން ވެސް
ފާހަގަކޮށްލެވޭ ކުންފުންޏެއް. އަދި މި މަސައްކަތްތައް ކުރަން ތިބީ މި ދާއިރާތަކުން ތަމްރީން ވެފައިތިބި، ތަޖުރިބާކާރު
މުވައްޒަފުން ކަން ފަހުރުވެރި ކަމާއެކު ފާހަގަ ކޮށްލަން." ޝާހު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްޑަބްލިއުއެސްސީ އަތޮޅުތަކަށް ވެސް މިހާރު ފުޅާކުރެވިފައިވާ ކަމަށެވެ. އެގޮތުން ކ. މާފުއްޓއި ރ. ދުވާފަރާއި ހދ. ކުޅުދުއްފުށީގައި އެމްޑަބްލިއުއެސްސީގެ މަރުކަޒުތައް ގާއިމްކޮށް ހިދުމަތްތައް ފޯރުކޯށްދެމުންދާ ކަމަށެވެ.

ޝާހު ވިދާޅުވި ގޮތުގައި އެމްޑަބްލިއުއެސްސީން އަބަދުވެސް މަސައްކަތްކުރާނީ މުވައްޒަފުންގެ ހެވާއި ލާބަ އިސްކޮށް، މުވައްޒަފުންނަށް ގިނަގުނަ ފައިދާތަކެއް ހޯދައިދޭށެވެ. ބޭނުމަކީ ހަރުދަނާ، ގާބިލް މުވައްޒަފުންތަކެއް ބިނާކޮށް، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

"އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ވޭތުވެދިޔަ އަހަރު ކުރި މަސައްކަތުގެ އަގުވަޒަންކޮށް، ކުންފުނީގެ ސާފު ފައިދާއިން ބޯނަސް ވަނީ ދެވިފައި. އަދި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މި އަހަރުވެސް ދެ މުވައްޒަފަކަށް ވަނީ ފުރުސަތުދެވިފައި. މުވައްޒަފުންގެ ކުރިއެރުމަށްޓަކައި ކުންފުނިން އަބަދުވެސް ގުޅުންހުރި ދާއިރާތަކުން ތަމްރީނު ޕްރޮގުރާމްތައް ރާއްޖެއާއި ރާއްޖޭން ބޭރުން ދެމުންގެންދޭ. މިއާއެކު، މުވައްޒަފުންނަށް ހާއްސަ ކުރެވިގެން އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތުތައްވެސް ދެމުންގެންދާކަން ފާހަގަ ކޮށްލަން" ޝާހު ވިދާޅުވި އެވެ.