ބޭރު ކުޅިވަރު

ފާޑުކިއުންތެރިންނަށް ރައްދު ދެވިއްޖެ: ވެންގާ

އިނގިރޭސި ލީގުގައި ރޭ ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ އަތުން 2-0 އިން މޮޅުވެ، އާސެނަލް އިން ފާޑުކިއުންތެރިންނަށް ރަނގަޅު ޖަވާބެއް ދީފި ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

މިދިޔަ ސީޒަންގައި ސިޓީގެ ދަނޑުގައި 6-3 އިން އާސެނަލް ބަަލިވި ނަމަވެސް، ސިޓީގެ ދަނޑުގައި އެ ޓީމުގެ މައްޗަށް ރޭ އާސެނަލް ކުރި ހޯދީ ސަންޓި ކަޒޯލާ އާއި އޮލިވިއޭ ޖިރޯ ޖެހި ދެ ލަނޑުންނެވެ.

މެޗަށް ފަހު ވެންގާ ވަނީ އާސެނަލްގެ ޓީމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ. އަދި މި ފަހަކަށް އައިސް ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވާ އާސެނަލްގެ ޑިފެންޑަރުން ރޭގެ މެޗުގައި ދެއްކި ކުޅުމާމެދު ވަރަަށް ހިތްހަމަޖެހޭ ކަމަށެވެ.

"އާސެނަލްގެ ޑިފެންޑަރުންނަށް ވަރަށް ގިނަ ފާޑުކިއުންތައް ވަނީ އަމާޒުވެފައި. އެހެންކަމުން މި މެޗުން މޮޅުވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މި މެޗުގައި އަމާޒަކަށް ރަށުން ބޭރުގައި މި ސީޒަންގައި ފުރަތަމަ ފަހަރަށް ބޮޑު މެޗަކުން މޮޅުވުން،" ވެންގާ ބުންޏެވެ. "ވަރަށް އަވަހަށް މީހުން ފާޑުކިޔާނެ. އެކަމަކު ހަނދާނެއް ނުހުރޭ އަހަރެމެންގެ ގިނަ ޑިފެންޑަރުން އަނިޔާގެ މައްސަލަތަކައް ކުރިމަތިވިކަމެއް."

މި މޮޅާއެކު އާސެނަލް ވަނީ ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. މި މެޗުން ބަލިވުމުން ލީގު ޗެމްޕިއަންކަން ދިފާއުކުރުމަށް ޗެލްސީން ކުރަމުންދާ މަސައްކަތަށް ވަނީ ހުރަސްއެޅިފަ އެވެ. މި މެޗުން ސިޓީ ބަލިވުމުން ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީ އަށް ވަނީ ދެވަނައިގައި އޮތް ސިޓީގެ މައްޗަށް ފަސް ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ.

މެޗުގެ 24 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އާސެނަލް އަށް ލީޑު ހޯދައިދިނީ ކަޒޯލާ އެވެ. އާސެނަލް އަށް ޕެނަލްޓީއެއް ލިބުނީ އާސެނަލްގެ ނާޗޯ މޮންރެއާލް އަށް ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ކުރި ފައުލަކާ ގުޅިގެންނެވެ.

ފުރަތަމަ ހާފުގައި ސިޓީ އަށް އާސެނަލްގެ ގޯލަށް ނުރައްކާ ނުކުރެވުނު ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު ސިޓީން އާސެނަލްގެ ފަހަތަށް ބާރުބޮޑުކުރި އެވެ.

އެކަމަކު އާސެނަލް އިން ތިން ޕޮއިންޓް ކަށަވަރުކުރީ 67 ވަނަ މިނިޓުގައި ޖިރޫ ޖެހި ލަނޑުންނެވެ. -- ބީބީސީ