ހިޔާގެ ފްލެޓްތަކުން ކުލި ނުނެގުމުގެ މުއްދަތު އިތުރު ތިންމަހަށްް ފަސްކޮށްދީފި އެވެ.
ސަރުކާރުގެ އެ ނިންމުން ހާމަކޮށްފައިވަނީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު މިގޮތަށް އިއުލާނު ކުރެއްވުމުން ހިޔާގެ ފްލެޓްތަކުން ދެން ކުލި ނަގަން ފަށާނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ.
ސަރުކާރުން މި ނިންމުން މިރޭ ހާމަކުރިއިރު ހިޔާގެ ފްލެޓްތަކުން ކުލި ނުނެގުމުގެ މުއްދަތު ފަސްނުކުރާނަމަ މުޒާހަރާއަށް ނުކަންނަން ފްލެޓް ލިބުނު މީހުން އޮތީ ނިންމާފައެވެ. އަދި މިދިޔަ ހުކުުރު ދުވަހު އެ މީހުން ވަނީ ކުލި ނުހިނގާ މުއްދަތު އިތުރުކޮށްދޭން އެދި އިހުތިޖާޖުވެސް ކޮށްފައެވެ.
މިރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންގެ ޑިމާންޑްތަކަށް އިޖާބަދޭނެ ކަމަށާ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ފުރިހަމަ ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ހިޔާ ފްލެޓް ލިބުނު މީހުންގެ ޝަކުވާތައް އަޑުއިވިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ކުރިއަށް އޮތް ތިން މަހަށް ފްލެޓްތަކުން ކުލި ނުނަގަން ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފްލެޓްތައް ނުނިންމާ ހަވާލުކުރަން ޖެހުމުން ފްލެޓްތަކުގައި ދިރިއުޅެން ފެށުމަށް ރައްޔިތުން ބޮޑު ހަރަދެއް ކުރަން ޖެހުނު ކަމަށެވެ. އަދި އެ ދަނޑިވަޅުގައި ކުލި ދައްކަން ފަށަން ޖެހުމަކީ ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއްކަން އެނގިވަަޑައިގަންނަވާ ކަމަށެވެ.
"ސަރުކާރުން މިހާރު ނިންމަފައި މިވަނީ މި ފްލެޓްތައް [ހިޔާ ފްލެޓް] ނިންމުމަށްޓަކައި ކުލި ނުނަގާ އިތުރު ތިން މަސް ދުވަސް ފްލެޓްތަކުގެ ވެރިންނަށް ދިނުމަށް،" ރައީސް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކަށް ފެނާއި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދީ، އެތަނުގެ ގްރޭސް ޕީރިއެޑް ގުނަން ފަށާފައިވަނީ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށެވެ.
ގްރޭސް ޕީރިއެޑް އިތުރު ނުކޮށްފިނަމަ، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އަންނަ މަހުން ފެށިގެން ކުލީގެ ގޮތުގައި 8،500 ރުފިޔާ ދައްކަން ޖެހޭނެ އެވެ. އެއީ ފްލެޓްގެ ކުއްޔަށް ދައްކަންޖެހޭ 7،000 ރުފިޔާ އާއި މެއިންޓަނަންސް ފީއަށް ދައްކަންޖެހޭ 1،000 ރުފިޔާ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 7،000 ފްލެޓުގެ 16 ޓަވަރު އިމާރާތް ކޮށްފަ އެވެ. އޭގެ ތެރެއިން 6،720 ފްލެޓް މީހުން ދިރިއުޅުމަށް ދޫކޮށްފައިވެ އެވެ. 2،000 ގާތްކުރާ އާއިލާ މިހާރު ފްލެޓްތަކުގައި ވަނީ ދިރިއުޅެން ފަށާފައެވެ.