ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ ސަސްޕެންޝަން އުވާލައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ގާޒީ ފާއިޒު ސަސްޕެންޑް ކުރީ 60 ދުވަހަށެވެ.
ޖޭއެސްސީން އެގޮތަށް ފިޔަވަޅު އެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުުފުލި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ މަނިކުފާނު ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުންގެ އޯޑިއޯއެއް ކަމަށް ބުނާ އޯޑިއޯއެއް ލީކްވުމާ ގުޅިގެންނެވެ.
ލީކްވި އޯޑިއޯ ތަކުގައި ވާހަކަދައްކަވަނީ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުގައި ހުކުމް ކުރެއްވި ބެންޗުގައި ތިއްބެވި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ފާއިޒު ކަމަށް އެ ދުވަސްވަރު ބައެއް އާންމުން ބުނަމުން ގެންދިޔަ އެވެ. އެހެންވެ ޖޭއެސްސީން ވަނީ އެ މައްސަލަ ބަލަން ނިންމާ، އޯޑިއޯތަކުގެ ފޮރެންސިކް އެނެލިސިސްއެއް ހެދުމަށް ފުލުހުންނަށް ހުށަހަޅާފަ އެވެ.
ފުލުހުން އެ މަސައްކަތް ކުރުމަށްފަހު ޖޭއެސްސީ އަށް ފޮނުވި ފޮރެންސިކް ރިޕޯޓްގައި ބުނެފައިވަނީ ގާޒީ އަލީ އާދަމް އާއި ގާޒީ މުހައްމަދު ސަމީރުގެ އަޑާއި އެ އޯޑިއޯތަކުގައި އިވޭ އަޑާ ދިމާ ނުވާ ކަމަށެވެ. އަދި ގާޒީ ފާއިޒު ރަޝާދުގެ އަޑާއި އޯޑިއޯގައި އިވޭ އަޑާ ދިމާވާ ކަމަށްވެސް އެ ރިޕޯޓްގައި ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އެގޮތަށް އެންގުމާ ގުޅިގެން ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމްގެ މައްސަލަ ނުބަލަން ޖޭއެސްސީން ނިންމި އެވެ. އަދި ގާޒީ ފާއިޒު ދެ މަސް ދުވަހަށް ސަސްޕެންޑްކޮށް އޭނާގެ މައްސަލަ އިތުރަށް ބަލަން ވެސް ޖޭއެސްސީން ނިންމި އެވެ.
މައްސަލަ ބެލުމަށްފަހު ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒީ ފާއިޒަށް ފިޔަވަޅު އަޅާފައި ވަނިކޮށް މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑިޕާޓްމަންޓުން ތައްޔާރުކުރި ޑިޖިޓަލް ފޮރެންސިކް ކޭސް ރިޕޯޓެއް ފުލުހުން އެ ކޮމިޝަނާ ހިއްސާ ކުރި ކަމަށެވެ. އެ ރިޕޯޓްގައި ގާޒީ ފާއިޒު ރަޝާދުގެ އަޑާއި އޯޑިއޯގައި އިވޭ އަޑާ ދިމާ ނުވާ ކަމަަށް ބުނެފައިވާ ކަމަށެވެ. އެ ސަބަބާ ގުޅިގެން ގާޒީ ފާއިޒުގެ ސަސްޕެންޝަން އުވާލީ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެ އެވެ.