ދުނިޔެ

ކްރިސްމަސް ޓްރީ އިމްޕޯޓެއް ނުކުރަން: ސައޫދީ

ސައޫދީ އަރަބިއްޔާގައި ފާޅުކަން ބޮޑު ގޮތެއްގައި މިއަހަރު ކްރިމަސް ފާހަގަކުރާކަން އެނގޭހޭ ސުވާލުކޮށް ވޯލްސް ސްޓްރީޓް ޖާނަލްގައި، ސްޓިވަން ކޭލިން އަދި ޑޮނާ އަބްދުލްއަޒީޒް ލިޔެފައި އޮތް ލިޔުމަކާ ހަވާލާދީ ދުނިޔޭގެ މީޑިއާތަކުން ގެންދަނީ ސައޫދީގައި ކްރިސްމަސް ފާހަގަކުރުން ހުއްދަކޮށްފި ކަމަށް ބުނަމުންނެވެ.

ސައޫދީ ފިހާރަތަކުގައި ކްރިސްމަސް ޓްރީ އާއި ކްރިސްޓިއަނުންގެ ޝިއާރުތައް ވިއްކަން ހުރި ކަމަށް ބުނެ އެފަދައިން ބެލެވިދާނެ ފޮޓޯތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ފަތުރާފަ އެވެ.

ވޯލް ސްޓްރީޓްގައި އޮތް ޚަބަރާ ގުޅިގެން ސައޫދީން ބުނީ ކްރިސްމަސް ޓްރީ ފަދަ ކާފަރުންގެ އީދުތަކަށް ނިސްބަތްކުރެވޭ އެއްވެސް އެއްޗެއް ސައޫދީއަށް އެތެރެ ނުކުރާ ކަމަށެވެ.

ސައޫދީ ޒަކާތް، ޓެކްސް އަދި ކަސްޓަމްސް އޮތޯރިޓީން ބުނީ ސައޫދީގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުން އަމިއްލަ ގެދޮރުގައި ކްރިސްމަސް ފާހަގަކުރާ ކަމަށާއި އެމީހުން ވެސް އެކަން ކުރަނީ އެމީހުންގެ ގާތް ތިމާގެ މީހުންނާއެކު އާންމުކޮށް އެމަންޒަރު ނުފެންނަ ގޮތަށް ކަމަށެވެ.

ސައޫދީގައި ދިރިއުޅޭ ލުބްނާން ރައްޔިތުންގެ ތެރެއިން މުސްލިމް ނޫން މީހުން ވެސް ލުބްނާންގެ ތެރެއިން ކްރިމަސްއާ ގުޅުން ހުރި ތަކެތި ސައޫދީއަށް ގެނައުމަކީ އާންމުކޮށް ކުރާ ކަމެއް ކަމަށާއި އެއީ މިފަހަރު އަލަށް ކުރި ކަމެއް ނޫން ކަމަށެވެ.

ކަސްޓަމްސް އޮތޯރިޓީން ބުނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ސައޫދީ ހުޅުވާލާފައި އޮތްއިރު، އިންވެސްޓްމަންޓްތަކާ ގުޅިގެން ސައޫދީގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުން އާބާދީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި ވަކި ހައްދެެއްގެ ތެރޭގައި އެމީހުން ވެސް ކްރިމަސް ފަދަ އެމީހުންގެ އީދުތައް ފާހަގަކުރާ ކަމަށެވެ.

ސައޫދީ އާންމު ފިހާރަތަކުގައި ކްރިމަސް ޓްރީ އަދި ކްރިމަސްއާ ގުޅުން ހުރި ތަކެތި ވިއްކަން ހުއްދަކޮށްފައި ނުވާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ. އަދި ބުނީ އެފަދަ ތަކެތި އާންމުކޮށް ވިއްކުމާއި ގެންގުޅުމަކީ ގާނޫނީ ގޮތުން ކަނޑައެޅިފައި އޮތް އަދަބަށް ހުށަހެޅޭނެ ކަމެއް ކަމަށެވެ.