ހަބަރު

ދަނޑުތަކަށް ފެންދޭނެ ޒަމާނީ ނިޒާމްތަކެއް ދެ ރަށެއްގައި ގާއިމް ކުރަނީ

ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ޒަމާނީ ފެނުގެ ނިޒާމެއް އަންނަ އަހަރު ގާއިމުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ، ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްގީ ކޮށް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން، ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގައި ބޭނުން ކުރާ ފަދަ ފެންދޭ ޒަމާނީ ނިޒާމްތަކެއް ރާއްޖޭގައި ގާއިމް ކުރާނީ އަންނަ އަހަރު ކަމަށެވެ. މިނިސްޓްރީ އިން ބުނި ގޮތުގައި މި ނިޒާމްތަކުގެ ސަބަބުން ދަނޑުވެރިކަން ކުރުމަށް ކުރާ ހަރަދު ކުޑަވެ، ވަގުތު ސަމާލަތް ކުރެވޭނެ އެވެ.

މި ޕްރޮގްރާމް ފުރަތަމަ ހިންގުމަށް ހަމަޖެހިފައިވަނީ ދެ ރަށެއްގައި ކަމަށް މިނިސްޓްރީ އިން ބުންޏެވެ. މިކަމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކާއި ޖަމްއިއްޔާ ޖަމާއަތްތައް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުން މިނިސްޓްރީ އަށް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަތޮޅުތަކުގައި ހުރި ފަރާތްތައް އެކަމަށް އެދި ހުށަހަޅަން ޖެހެނީ ކައުންސިލްތައް މެދުވެރިކޮށެވެ. ފުރަތަމަ ބުރުގައި މި ނިޒާމް ގާއިމް ކޮށްދޭނީ ދެ ރަށަކުން 10 ދަނޑުވެރިއަކަށެވެ.

ޕްރޮގްރާމް ހިންގާނެ ރަށްތައް ކަނޑައެޅުމުގައި ދަނޑުވެރިކަން ފުޅާކުރުމަށް ބިން ލިބެންހުރި މިންވަރާއި ދަނޑުމަތީގައި ފެން ނެގޭނެ އިންތިޒާމު ޤާއިމުވެފައިހުރި މިންވަރާއި ރަށުގައި ދަނޑުވެރިކަން ކުރަމުންދާ ނިސްބަތް ބެލުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ހަވާލުކުރެވޭ ސިސްޓަމްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ ގާބިލުކަން ދައްކައިދީފައިވާ މިންވަރާއި ރަށުގެ ދަނޑުބިންތައް ކައުންސިލުގެ ފަރާތުން ބަލަހައްޓަމުންދާ ގޮތާއި ދަނޑުބިމުގައި މިހާރު ފެންދޭ ނިޒާމު ހުރި މިންވަރު ވެސް ބަލާނެ އެވެ.