މީރާ

ވެރިފަރާތަށް ނޭންގި މީރާގައި ރަޖިސްޓްރީކުރެވޭ ގޮތަށް ގަވާއިދަށް އިސްލާހެއް

Dec 28, 2021
1

ވިޔަފާރިއެއް ހިންގާ ވެރިފަރާތަށް ނޭންގި ނުވަތަ އެއްބާރުލުމެއް ނެތި މީރާއަށް ލިބޭ މައުލޫމާތުގެ އަލީގައި ޓެކްސްއަށް ރަޖިސްޓްރީކުރެވޭ ގޮތަށް "ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު" އިސްލާހު ކޮށްފި އެވެ.

އެ ގަވާއިދަށް ގެނައި ހަވަނަ އިސްލާހުގައި، އެ ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން ނުވަތަ އެހެން ގޮތަކުން މީރާއަށް ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށް މީރާއަށް ގަބޫލުކުރެވޭނަމަ، އެ ފަރާތްތައް ރަޖިސްޓްރީކޮށް އަދި އެ ފަރާތްތަކަށް އެކަން އެންގުމުގެ އިހުތިޔާރު ކޮމިޝަނާ ޖެނެރަލްއަށް ލިބިގެންވާ ކަމަށް ކަނޑައަޅާފައިވެ އެެވެ.

ކޮމިޝަނާ ޖެނެރަލްގެ ނިންމުމަކާ މެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒު ކުރާނަމަ، އެ ނިންމުމެއް ބަދަލުކުރެވިދާނެ ގޮތްތަކެއް ވެސް އެ ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ.

ޓެކްސްއަށް ރަޖިސްޓްރީ ނުކޮށް ވިޔަފާރިކުރާނަމަ، ރަޖިސްޓްރީ ނުކޮށް ވޭތުވާ ކޮންމެ ދުވަހަކަށް 50ރ. އިން ޖޫރިމަނާކުރުމުގެ އިހުތިޔާރު މީރާއަށް ލިބިގެންވެ އެވެ. އަދި ޖިނާއީ އަދަބަކީ އެއް މަސް ދުވަހާއި ހަ މަސް ދުވަހުގެ މުއްދަތެކެވެ.

މީރާ އަށް ލިިބެންޖެހޭ ޓެކްސް އާމްދަނީ ހޯދުމަށްޓަކައި އެ އިދާރާ އިން ދަނީ ތަންތަނަށް ވަދެ ބަލައި ފާސްކުރުމާއި، ކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތައް ކޯޓަށް ހުށަހަޅައިގެން ވެސް އާމްދަނީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.