ޖޭއެސްސީ

ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން އިތުރު ފުރުސަތެއް

Dec 28, 2021

ސިވިލް ކޯޓަށް ގާޒީން ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮށްފައިވާ އިއުލާންގެ މުއްދަތު އިތުރުކޮށްފި އެވެ.

ސިވިލް ކޯޓަށް ދެ ގާޒީން ހޯދަން ޖޭއެސްސީން މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލީ މިމަހުގެ 30 ވަަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށެވެ.

ނަމަވެސް މިއަދު ޖޭއެސްސީން ކޮށްފައިވާ އިއުލާނެއްގައި ވަނީ އެ މުއްދަތު ކުރިއަށް އޮތް ޖެނުއަރީ 16 ވަނަ ދުވަހަށް އިތުރުކޮށްފަ އެވެ.

ސިވިލް ކޯޓުގެ ގާޒީންގެ އަސާސީ މުސާރަ އަކީ 30،000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބެ އެވެ. މީގެ އިތުރުން މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވަންސް ވެސް ލިބެ އެވެ.

ގާޒީކަން ކުރައްވާ ބޭފުޅުންނަށް ޖުމްލަ މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 45،650 ރުފިޔާ ލިބެ އެވެ.

ގާޒީ ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ ނަމަ އެވެ. އެ މަގާމަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާން ޖެހެ އެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.

ސިވިލް ކޯޓުގައި މިވަގުތު 14 ގާޒީން މަސައްކަތް ކުރައްވަ އެވެ.