ބޮލީވުޑް

ސްޓޭޖް ޕާފޯމަންސްއެއް ހުށަހަޅައިދެނިކޮށް އާލިއާގެ އަތާއި މޫނު ފިހިއްޖެ

Dec 15, 2015
2

ޒުވާން ބަތަލާ އާލިއާ ބަޓް ވަނީ އާދީއްތަ ދުވަހުގެރޭ ގައި ބޭއްވި ބިގް ސްޓާ އެންޓަޓެއިންމަންޓް އެވޯޑް ހަފްލާގައި ފަރި ހަރަކާތްތަކެއް ދައްކައި، އެވޯޑް ހަފްލާގެ ވިދުން ގަދަކޮށްފަ އެވެ.

އާލިއަ ހުށަހަޅައިދިން ނެށުން އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ބޭނުންކޮށްފައިވާ ފަޔާ ކްރެކާސް އިން އޭނާގެ ޕާފޯމަންސް އިތުރަށް ފުރިހަމަވި ނަމަވެސް މިޕާފޯމަންސް ހުށަހަޅައިދެމުން ދަނިކޮށް ހިނގި ހާދިސާގައި އާލިއާގެ އަތާއި މޫނު ވަނީ ފިހިފަ އެވެ.

އެއް ފަހަރާ އެތަކެއް ފަޔާކްރެކާސްތައް ރޯވި ގަޑީގައި އަލިފާން ކަނި ބުރައިގެން ދިޔަ ވަގުތު އާލިއާގެ އަތާއި މޫނު ފިހުނު ނަމަވެސް އޭނާ ވަނީ ނެށުމުގެ ހުރިހާ ހަރާކާތެއް ނިންމާފަ އެވެ. އަދި އާލިއާ ސްޓޭޖުން ފޭބުމާއެކު އޭނާ އަށް ވަގުތުން ފަރުވާދީފައިވާ ކަމަށް ވެސް ނޫސްތަކުގައިވެ އެވެ.

އިތުރަށް ނޫސްތަކުގައިވާ ގޮތުން، މޫނާއ އަތް ފިހުނު ނަމަވެސް ހިތްވަރާއެކު އާލިއާ ހެވިފައި ހުރެ އޭނާގެ ނެށުން ހުށަހަޅައިދީ ނިންމި ނަމަވެސް ބެކް ސްޓޭޖަށް އޭނާއަށް ދެވުމާއެކު ވަރަށް ގަދަޔަށް ރޮއިފައިވާ ކަމަށެވެ.

މިހާރު އާލިއާގެ މޫނާއި އަތުގައ ފިހިފައ ހުރިތަން ރަނގަޅު ވަމުން އަންނައިރު، މިދިޔަ މަހުގެ ތެރޭގައި ބަތަލާ ބިޕާޝާ ބާސޫގެ މޫނާއި އަތްވެސް ވަނީ އޭނާގެ ހެއާ ސްޓައިލިސްޓްގެ ފަރުވާ ކުޑަކަމުން އިސްތަށިގަނޑު ބުޅި ކުރަން ގެންގުޅުނު ތޮންގް ވެއްޓިގެން ފިހިފަ އެވެ.

މިއަހަރުގެ އޮކްޓޯބަރު މަހުގއި ނިކުތް އާލިއާގެ ފިލްމު "ޝާންދާރް" ފްލޮޕްވެފައިވާއިރު، މިހާރު އަންނަނީ ކަރަން ޖޯހަރުގެ "ކަޕޫރު އެންޑް ސަންސް" ގެ މަސައްކަތް ކުރަމުންނެވެ. އަދި ޑައިރެކްޓަރު އިމްތިޔާޒު އަލީ ދެން އުފެއްދުމަށް ހަމަޖެހިފައިވާ ފިލްމުގައި އެކްޓަރު ރަންބީރު ކަޕޫރާއެކު ބަތަލާ ރޯލު ކުޅުމަށް އާލިއާ ހުށަހަޅާފައިވާކަމަށް ވެސްވެ އެވެ.