ދުނިޔެ

ދެބަސްވުންތައް ނައްތާލުމަށް އެމެރިކާ އަދި ރަޝިއާ އެއް މޭޒަކަށް

ސީރިއާގެ މައްސަލައިގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައިވާ ދެ ގައުމު ކަމަށްވާ އެމެރިކާ އަދި ރަޝިއާއިން އެއް މޭޒަކަށް ގޮސް، ދެބަސްވުންތައް ނައްތާލުމަށް މަޝްވަރާކުރުމަށް ނިންމައިފި އެވެ.

ރަޝިއާގެ ވެރިކަންކުރާ މޮސްކޯއަށް މިހާރު އެމެރިކާގެ ސެކްޓްރީ އޮފް ސްޓޭޓް ޖޯން ކެރީ ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ކެރީ ވިދާޅުވީ ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމަ ނިންމުމަކަށް ގެނައުމަށް ރަޝިއާ އަދި އެމެރިކާ، އެއް ގަލަކަށް އެރުމަށް މަޝްވަރާކުރަން ނިންމާފައިވާނެ ކަމަށެވެ.

ކެރީގެ މި ދަތުރުފުޅުގައި ރަޝިއާގެ ރައީސް ވްލެޑިމިއާ ޕޫޓިން އަދި ރަޝިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ.

އެމެރިކާ އަދި ރަޝިއާއިން ސީރިއާގެ މައްސަލަައިގައި ހިޔާލު ތަފާތުވެފައިވާއިރު އެގައުމުގެ ރައީސް ބައްޝާރުލް އަސަދު މަގާމުގައި ހުރުމާމެދު ދެ ގައުމުން ގެންގުޅޭ ވިސްނުން ތަފާތެވެ.

ސީރިއާގައި ހިނގަމުންދާ ހަނގުރާމަ ނިންމުމަށް އަސަދު މަގާމުން ދުރުކުރަންޖެހޭ ކަމަށް އެމެރިކާއިން ދެކޭއިރު ރަޝިއާއިން ބުނަނީ އަސަދުއާ މެދު ގޮތެއް ނިންމުމުގެ ހައްގު އޮންނާނީ ހަމައެކަނި ސީރިއާގެ ރައްޔިތުންނަށް ކަމަށެވެ.

ރަޝިއާއިން ސީރިއާއަށް ވައިގެ މަގުން ބޮން އަޅަމުންދާއިރު ރަޝިއާއިން ބުނަނީ، އެގައުމުން ބޮން އަމާޒުކުރަނީ އައިސް ޖަމާއަތުގެ ޕޮއިންޓްތަކަށް ކަމަށެވެ. ނަމަވެސް އެމެރިކާއިން ވަނީ ރަޝިއާގެ ވައިގެ ހަމަލާތަކުގައި އެއްވެސް އަމާޒެއް ނުހުންނަ ކަމަށް ތުހުމަތުކޮށްފަ އެވެ. އެމެރިކާއާ ގުޅިފައިވާ ކޯލިޝަނުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ދަނީ ސީރިއާއަށް ވައިގެ ހަމަލާތައް ދެމުންނެވެ.