ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް ގއ. ދާންދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.
މި ދެ ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ދާންދޫގެ ރައްޔިތުންނަށް ހާއްސަ އޮފަތަކަކާ އެއްކޮށެވެ. އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް ހުށަހަޅާ ކަސްޓަމަރުންނަށް ހިލޭ ފައިބަ ގުޅައިދިނުމުގެ އިތުރުން ފައިބަ އަށް ބޭނުންވާ ހާއްސަ ރައުޓަރު ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބެ އެވެ.
ދިރާގުން ބުނި ގޮތުގައި މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.
ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށްވެސް ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް -- ޑީކޯޑަރު މުޅިން ހިލޭ ލިބެ އެވެ. އެގޮތުން ދާންދޫ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭނެ އެވެ.
ދިރާގުގެ ސީނިއަ މެނޭޖަ ކޮންސިއުމާ ސާވިސް ޑެލިވަރީ އިބްރާހީމް ފަޔާޒު ވިދާޅުވި ގޮތުގައި ދިރާގުން މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އެއް ފެންވަރެއްގައި ހިދުމަތް ފޯރުކޮށްދިނުމަށެވެ.
"މިފުރުސަތުގައި ރަށު ކައުންސިލް ތަކުންނާއި ޕާޓްނަރުންގެ ފަރާތުން ލިބޭ ފުރިހަމަ އެއްބާރުލުމަށް އަޅުގަނޑުމެންގެ ފަރާތުން ހާއްސަ ޝުކުރެއް ދަންނަވާލަން." ފަޔާޒު ވިދާޅުވި އެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަ ނެޓްވޯކް އެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތަ އަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 73 ރަށެއް ހިމެނެ އެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 80 ޕަސަންޓް ގޭބިސީއަށް މިހާރު ދިރާގު ޓީވީ ހިދުމަތް ފޯރުކޮށްދީފަ އެވެ.