ބޮލީވުޑް

2021: އެންމެ ރީތި އަދި އެންމެ ފީކަޅާ ފިލްމުތައް

ކޮވިޑްގެ ވަބާގެ ސަބަބުން ބޮލީވުޑް މުޅިން ހުއްޓުމަކަށް އައިސް ގިނަ ދުވަސް ތަކެއް އޮތުމަށް ފަހު މި ފާއިތުވަމުންދާ އަހަރު އަލުން ވަނީ މަސައްކަތްތައް ފަށާފަ އެވެ. އަދި ސިނަމާތައް ބަންދު ކޮށްފައި ހުރުމުން ރިލީޒް ނުކުރެވި ހުރި ގިނަ ފިލްމުތަކެއް ވެސް މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.

ސިނަމާތައް ހުޅުވޭނެ ދުވަހަކަށް އިންތިޒާރުކުރަން ބޭނުން ނުވާތީ ބައެއް ފިލްމުތައް ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ވެސް ރިލީޒްކޮށްފައި ވެއެވެ. ހިތްވަރުކޮށްފައި ސިނަމާތަކުގައި ފިލްމު އެޅުވި މީހުންނަށް އެ ފިލްމުތައް ބަލަން އާއްމުން ސިނަމާތަކަށް ވެއްދުންވެސް ވީ ވަރަށް ބޮޑު ޒިންމާ އަކަށެވެ. މުޅިން އާ ވޭރިއަންޓެއްގެ ބިރުވެރިކަން މުޅި ދުނިޔެއަށް ފެތުރެމުންދާތީ އަދިވެސް ގިނަ ބަޔަކު ސިނަމާއަށް ފިލްމު ބަލަން ދާން ޖެހިލުން ވެއެވެ. ނަމަވެސް ސިނަމާތަކުގައި ރިލީޒްކުރި ބައެއް ފިލްމުތަކަށް ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބީއެއް ލިބުމުން ވަރަށް ގިނަ ބަޔަކު ވަނީ ހިތްހަމަޖެހިފަ އެވެ.

ފާއިތުވަމުންދާ 2021ގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ބޮޑެތި އެކްޓަރުންގެ ބޮޑު ބަޖެޓް ގިނަ ފިލްމުތަކަށް ހީކުރި ވަރުގެ ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އޯޓީޓީ ރިލީޒްކުރި ވަރަށް ކުޑަ ބަޖެޓަކުން އުފައްދާފައިވާ ބައެއް ފިލްމުތައް ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބެއް ހޯދާފައި ވެއެވެ. މިފަދަ ފިލްމުތައް ކާމިޔާބުވުމުގެ އެންމެ ބޮޑު އަސްލަކީ އެ ފިލްމުތައް ރީތިވެފައި އޭގެން ބެލުންތެރިންނަށް ދިން މެސެޖު ރަނގަޅުވީމަ އެވެ.

އެހާ މަޝްހޫރު ނޫން އެކްޓަރުންގެ ދުވަހަކުވެސް އަޑުނާހާ ޒާތުގެ ފިލްމުތައް ހީކުރި ވަރަށް ވުރެ ބޮޑު ކާމިޔާބެއް ހޯދީ އެ ފިލްމުތައް ހަގީގަތުގައި ވެސް މޮޅުވީމަ އެވެ.

މިސާލަކަށް "ތިރަބަންގާ"، "ނެއިލް ޕޮލިޝް"، "ސައިލެންސް...ކެން ޔޫ ހިއާ އިޓް"، ރާމްޕްރަސާދު ކީ ތެހްރްވީ"، "މިމީ"، "ޕަގްލައިޓް"، "ތަލައިވީ"، "ރަޝްމީ ރޮކެޓް"، އަދި "ޗަންދީގަޅް ކަރޭ އާޝިގީ" ފުދެ އެވެ. މި ފިލްމުތަކަކީ ވަރަށް މޮޅު އަދި ބެލުންތެރިން ޝައުގުވެރިކަމާއެކު ބަލާނެ ހިތްހަމަޖެހޭ ރީތި ފިލްމު ތަކެކެވެ. އެހެންކަމުން އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒް ކުރިޔަސް ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބެއް ފިލްމުތަކަށް ވަނީ ލިބިފަ އެވެ.

ބޮޑު ސްކްރީނުގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން "ސޫރިޔަވަންޝީ" އަށް ބެލުންތެރިން ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ދީފައި ވެއެވެ. ކްރިޓިކްސް ފާޑުކިޔަސް މި ފިލްމު ބަލަން ސިނަމާތަކަށް ގިނަ އަދަދެއްގެ މީހުން ވަދެފައިވެއެވެ.

އަހަރުގެ އެންމެ މޮޅު ފިލްމުތައް

ސަރްދާރް އުދަމް ސިންގް: މި ފިލްމު ކުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކުގެ ސަބަބުން ވިކީ ކޯޝަލްގެ މޫނުގެ ބޮޑު ޒަޚަމެއް ފަހަން ޖެހުނެވެ. ސޫޖިތު ސަރްކާރް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ވިކީ ކުޅެފައިވަނީ ނެޝަނަލް އެވޯޑު ހައްގު މަސައްކަތެކެވެ.
ޝޭރްނީ: ވިދްޔާ ބާލަން ބަތަލާގެ ބައި ކުޅެފައިވާ މި ފިލްމަކީ ވެސް ވަރަށް ޔުނީކް ސަބްޖެކްޓަކަށް އުފައްދާފައިވާ މޮޅު ފިލްމެކެވެ. އަމިތު މަސުރްކަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ވިދްޔާ ކުޅެފައިވަނީ ދެ ސިންގާ ގޮވައިގެން އުޅޭ ހިތްވަރުގަދަ އަންހެނެއްގެ ރޯލެވެ.
ޝޭރްޝާހް: ކެޕްޓަން ވިކްރަމް ބަޓްރާގެ ރޯލު މި ފިލްމުގައި ސިދާރްތު މަލްހޯތުރާ ކުޅެލާފައިވާލެއް ވަރަށް މޮޅެވެ. ފިލްމުގެ ވާހަކައާއި ސްކްރީންޕްލޭ ވެސް މޮޅުވުމުން އަދި ސިދާރްތު އާއި ކިއާރާ އަދުވާނީގެ ކެމިސްޓްރީ އާއި އެ މީހުން ތަމްސީލުކޮށްދިން ލޯބީގެ ވާހަކައިގައި އަސަރުގަދަކަމުން މި ފިލްމު އެންމެ މޮޅު ފިލްމުތަކުގެ ތެރޭގައި ހިމެނުނީ އެވެ.

83: އިންޑިއާގެ މަޝްހޫރު ކްރިކެޓް ކެޕްޓަން ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ މި ފިލްމު ވެސް ވަރަށް މޮޅުކަމަށް ކްރިޓިކްސް އާއި ބެލުންތެރިން ބުނެފައި ވެއެވެ. މި ފިލްމުގައި ދައްކާފައިވަނީ އިންޑިޔާއިން ކްރިކެޓް ވޯލްޑްކަޕްގެ ތަށި އުފުއްލާލި ދުވަސްވަރުގެ ހާދިސާ ތަކާއި ކަޕިލްގެ ޒާތީ ދިރިއުޅުމުގެ ބައެއް ވާހަކަ ތަކެވެ.

ސަންދީޕް އައުރު ޕިންކީ ފަރާރް: ޕަރިނީތީ ޗޯޕްޅާ އާއި އަރްޖުން ކަޕޫރުގެ މި ފިލްމަކީ ވެސް ވަރަށް ނޭވާ ހިފަހައްޓާލަންޖެހޭ ކަހަލަ ގިނަ ހާދިސާތަކެއް ތަމްސީލުކޮށްދީފައިވާ ވަރަށް މޮޅު ފިލްމެކެވެ.

އަހަރުގެ އެންމެ ފީކަޅާ ފިލްމުތައް

ރޫހީ: "ރޫހީ"ގެ ޓްރެއިލާ ބަލާފައި ގިނަ ބަޔަކަށް ހީވީ ފިލްމު ވަރަށް މޮޅުވާނެ ކަމަށެވެ. ނަމަވެސް މީހުން އުންމީދުކުރި ވަރުގެ ފިލްމަކަށް މި ފލްމެއް ނުވި އެވެ. ގޯސްޓަކަށް ވާން ޖާންވީ ކަޕޫރު ވަރަށް މަސައްކަތް ކުރިޔަސް އޭނާގެ އެކްޓިން އާ މެދު މީހުން ހިތްހަމައެއް ނުޖެހުނެވެ. ފިލްމުގެ ސްކްރިޕްޓް ވެސް ފީކަޅާ ވުމުން މި ގޯސްޓް-ލަވް ސްޓޯރީ ގިނަ ބަޔަކަށް ކަމަކު ނުދިޔަ އެވެ.

ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ: އީދު ދުވަހު ސަލްމާން ޚާން ރިލީޒްކުރާ ފިލްމުތަކަށް ބޮޑު ތަރުހީބެއް ބެލުންތެރިން ދެއެވެ. ނަމަވެސް ދިޝާ ޕަޓްނީ އާއެކު އޭނާ ކުޅެފައިވާ މި ފިލްމު އުފައްދާފައިވާލެއް ފެންވަރު ދަށްކަމުން ބެލުންތެރިންނަށް ވެސް ފިލްމު ބަލައިގަތުން ވީ ދަތި ކަމަކަށެވެ. އަދި ސަލްމާންގެ ފޭނުން ލަދުގަންނަހާ ފިލްމު ހުތުރެވެ. ފިލްމުތަކަށް ރޭޓިން ދޭ އައިއެމްޑީބީ ސައިޓްގައިވާ ރިވިއުތަކުގައި މީހުން މި ފިލްމަށް ވަރަށް މަލާމާތްކޮށް ފާޑު ކިޔާފައި ވެއެވެ.

ދަ ގާލް އޮން ދަ ޓްރެއިން – ޕަރިނީތީ ޗޯޕްޅާ ލީޑް ރޯލު ކުޅެފައިވާ މި ފިލްމަކީ ހޮލީވުޑް ފިލްމެއްގެ ކޮޕީ އެކެވެ. އެމިލީ ބްލަންޓް ކުޅެފައިވާ މި ފިލްމުގެ ހުރިހާ މަންޒަރެއްގައި ހެން ޕަރިނީތީ ބަލާފައިވަނީ އެމިލީ ގޮތަށް އެކްޓް ކުރެވޭތޯ އެވެ. ކޮންމެ ފްރޭމަކަށް ފްރޭމެއް މި ރިމޭކްގައި ބޭނުންކޮށްފައި ވުމުން ބެލުންތެރިންނަށް ފިލްމު އެއްގޮތަކަށް ވެސް ކަމަކު ނުދިޔަ އެވެ.
ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ – އާއްމުކޮށް އަޖޭ ދޭވްގަން ކުޅޭ ފިލްމުތައް މޮޅަސް މި ފިލްމުގައި އަޖޭ އަށް ވެސް މާ ރަނގަޅު އެކްޓިން އެއް ދެއްކިފައެއް ނުވެ އެވެ. މިއީ 1971 ގައި އިންޑިއާގައި ކުރި ހަނގުރާމައިގެ ތެރޭގައި ހިނގި ކަމެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެއް ނަމަވެސް ފިލްމުގައި ބަލާހިތްވާ ކަހަލަ އެއްވެސް ގޮތެއް ނެތުމުން އެންމެ ހުތުރު ފިލްމުތަކުގެ ލިސްޓުގައި މި ފިލްމު ވެސް ހިމެނުނީ އެވެ.

ސަރްދާރް ކާ ގްރޭންޑްސަން – އަރްޖުން ކަޕޫރާއި ނީނާ ގުޕްތާ މުހިއްމު ރޯލުތައް ކުޅެފައިވާ މި ފިލްމަކީ ވެސް 2021ގައި ރިލީޒްކުރި އެންމެ ހުތުރު ފިލްމުތަކުގެ ތެރޭގައި ހިމެނިފައިވާ ފިލްމެކެވެ.