ހަބަރު

ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ގަސްކާނާ ހަދާނެ ގޮތް ދަސްކޮށްދެނީ

އޯގެނިކް ކޮމްޕޯސްޓް ނޫނީ ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ގަސް ކާނާ އުފައްދާނެ ގޮތުގެ މައުލޫމާތު ރަށްރަށުގެ ދަނޑުވެރިންނަށް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، މި ޕްރޮގްރާމް ހިންގަނީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްގީކޮށް ކުރިއެރުވުމުގެ ސިޔާސަތުގެ ތެރެއިން ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ގަސްކާނާ އުފެއްދުމާއި ގަހަށް ޖަހާ ބޭސް އުފައްދާނެ ގޮތްތައް ކިޔަވައިދޭނެ ކަމަށެވެ. މީގެ އިތުރަށް، އެފަދަ ތަކެތި އުފެއްދުމަށް ބޭނުންވާ ނިޒާމްތައް ގާއިމް ކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ތިމާވެށްޓާއި އިންސާނުންގެ ޞިއްޙަތަށް ރައްކާތެރި ގޮތްތަކަށް ތައްޔާރުކުރެވޭ ބަޔޯ ޕެސްޓިސައިޑްސް ތައްޔާރުކުރާނެ ގޮތް ވެސް ފިޝަރީޒް މިނިސްޓްރީން އިންތިޒާމްކުރާ ޕްރޮގްރާމުގައި ދަސްކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ.

އިއުލާނުގައިވާ ގޮތުން މި ޕްރޮގްރާމް ކުރިއަށްދާނީ އަންނަ އަހަރު އެކަމަށް ހޮވޭ ރަށްރަށުގަ އެވެ.

މި ޕްރޮގްރާމް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ރަށު ކައުންސިލަށާއި އެރަށެއްގައި ހަރަކާތްތެރިވާ ޖަމްއިއްޔާ ޖަމާއަތްތައް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވަނީ ހުޅުވާލެވިފަ އެވެ.

ޕްރޮގްރާމް ހިންގާނޭ ރަށްތައް ކަނޑައެޅުމުގައި މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށީގެންވާވަރުގެ ބިމެއް އޮތް މިންވަރާއި ގަސްކާނާ ތައްޔާރުކުރުމަށް އެކަށީގެންވާ ކަހަލަ ތަކެތި ރަށުން ލިބެން ހުރި މިންވަރަށާއި ރަށުގައި ދަނޑުވެރިކަން ކުރަމުންދާ ނިސްބަތަށް ބެލުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. މީގެއިތުރުން މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ޕްލޭންކުރެވިފައިވާ މިންވަރާއި ދަނޑުވެރިންނަށް ގަސްކާނާ ފޯރުކޮށްދިނުމަށް ރާވާފައިވާ ގޮތުގެ ހަރުދަނާ ކަމަށް ވެސް މިނިސްޓްރީ އިން ބަލާނެ އެވެ.