ހަބަރު

މަގުމަތި ތަރުތީބު ކުރުމަށް ކުންފުނިތަކުގެ އެއްބާރުލުމަށް ގޮވާލައިފި

މަގުމަތި ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި ކުންފުނިތަކުގެ އެއްބާރުލުމާއި އެހީތެރިކަން ފުލުހުންނަށް ބޭނުންވާ ކަމަށް ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވެއްޖެ އެވެ.

ކުންފުނިތަކުގެ ޑްރައިވަރުންނަށް އަމާޒުކޮށްގެން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ފަރާތުން ކުރިއަށް ގެންދިޔަ ޓްރެފިކް އެވެއަނަސް ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ޝަރީފް ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން ކުންފުނިތަކުގެ ޑްރައިވަރުންނަށް ގިނަ މަޢުލޫމާތުތަކެއް ލިބިފައިވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ، މަގުމަތި ތަރުތީބު ކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގައި ކުންފުނިތަކުގެ އެއްބާރުލުމާއި އެހީތެރިކަން ފުލުހުންނަށް ބޭނުންވާނެ ކަމަށެވެ. މިހާރުވެސް މިމަސައްކަތަށް ކުންފުނިތަކުގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރައްވާ ކަމަށް އަބްދުﷲ ޝަރީފް ވިދާޅުވި އެވެ. އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމާއެކު ގާނޫނު ނެގެހެއްޓުމަށް ބާރުއެޅުމުގެ މަގުޞަދުގައި ކުންފުނިތަކުގެ ޑްރައިވަރުންނަށް އަމާޒުކޮށްގެން ހިންގި ޓްރެފިކް އެވެއަނަސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ ޖޫން މަހުގެ އެކަކުން ހަތަރަކަށް އިސްކަންދަރު ބިލްޑިންގްގަ އެވެ.

މި ޕްރޮގްރާމުގައި 25 ކުންފަޏަކުން ޖުމްލަ 138 ޑްރައިވަރުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ 32 ދިވެހި ޑްރައިވަރުންނާއި 106 ބިދޭސީ ޑްރައިވަރުންނެވެ.