ހަބަރު

ސަސްޕެންޝަނަށް ފަހު އެމްއައިބީގެ ސީއީއޯ މަގާމުން ވަކިކޮށްފި

ދެ މަސްދުވަހުގެ ސަސްޕެންޝަނަށް ފަހު އެމްއައިބީގެ ސީއީއޯ އެހްތެޝާމް އަބްދުލް މުހައިމިން މަގާމުން ވަކިކޮށްފި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެހެތެޝާމް މަގާމުން ސަސްޕެންޑު ކޮށްފައިވަނީ އެމްއައިބީގެ ބޯޑަށް ނާންގައި ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައަކާއި ގުޅިގެންނެވެ.

މައްސަލަ ފެންމަތިވުމާއެކު އޭނާ ރާއްޖެއިން ފުރާވަޑައިގެންފައިވާ ކަމަށް އެނގިފައިވެ އެވެ.

އެމްއައިބީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެހްތެޝާމް އެ ބޭންކުގެ ސީއީއޯގެ މަގާމުން ވަކިކުރުމަށް އިއްޔެ އެ ބޭންކުން ބޭއްވި ބޯޑު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެމްއައިބީން ބުނީ އެހްތެޝާމް މަގާމުން ވަކިކުރަން ނިންމީ އޮކްޓޯބަރު ފަހުކޮޅުން ފެށިގެން ހެދި އެތެރޭގެ ތަހުގީގަކަށް ފަހުގައި ކަމަށެވެ. އެހެތެޝާމަކީ ގާނޫނުތަކާއި ގަވައިދުތަކަށް ރަނގަޅު މީހެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ވަގުތީ ސީއީއޯގެ މަގާމުގެ މަސްއޫލިއްޔަތު މިވަގުތު އަދާކުރައްވަނީ އަހްމަދު ރިޒާ އެވެ.

އެމްއައިބީގެ ސީއީއޯގެ މަގާމާ 2019 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި އެހްތެޝާމް އަބްދުލް މުހައިމިން ވަނީ އޮސްޓްރޭލިއާ، އަދި މެދު އިރުމަތީގެ ބޮޑެތި ކުންފުނިތަކުގައި މަސައްކަތް ކުރައްވާފަ އެވެ. ބޭންކިން ދާއިރާގައި އޭނާ މަސައްކަތް ކުރައްވާތާ މިހާރު 30 އަހަރު ވަނީ ވެފަ އެވެ.