ހަބަރު

އެއް ނަމްބަރު ކުނި ކޮށި ހުރި ބިމުގައި ޕޮލިސް ޕޯސްޓެއް ހަދަނީ

މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޓޯޔާޑު ހަދަން އަލަށް ލިބުނު ބިމުގައި ޑިއުޓީ ޕޯސްޓެއް ވެސް ހަދަން ހަމަޖައްސައި އެ ޑިއުޓީ ޕޯސްޓްގެ ބިންގާ އަޅައިފި އެވެ.

ބިންގާ އެޅުމަށްޓަކާ މިއަދު ހެނދުނު އެއް ނަމްބަރު ކުނިކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޓޯޔާޑް ޑއިުޓީ ޕޯސްޓްގައި ބިންގާ އަޅުއްވައި ދެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓުމެންޓުގެ ހެޑް ސުޕުރިންޓެންޑެންޓު އޮފް ޕޮލިސް މުޙައްމަދު ދާއޫދު އެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ ވިދާޅުވީ މިއަދަކީ އުންމީދު ކުރި ވަރަށް ވުރެ ހާއްސަ ދުވަހެއް ކަމަށާއި މި ޑިއުޓީ ޕޯސްޓުގެ ސަބަބުން ފަސޭހަ ތަކެެއް ލިބޭނެ ކަމަށެވެ. ހަމަ އެއާއެކު ޓޯޔާޑަށް ލިބުނު މި ބިމާއެކު ޓޯ ކުރެވޭ އުޅަނދުތައް ރަނގަޅަށް ބެލެހެއްޓި މަގުތައް ތަރުތީބުކުރުމުގައި ފުލުހުންނަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ މަގުމަތި ތަރުތީބުކޮށް މަގުމަތީގައި ޤާނޫނު ތަންފީޒް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން މިހާރަށްވުރެ ބޮޑަށް ރައްޔިތުން ހޭލުންތެރި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރު ކުރަން ޖެހޭ ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިވެދޭން އެންމެ ގާތުން ތިބޭނެ ބަޔަކީ ފުލުހުން ކަމަށްވީއިރު އެކަމަށް ކޮންމެ ފުލުހަކުވެސް ތައްޔާރަށް ހުންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ވަކިން ޚާއްޞަކޮށް މަގުމަތީގައި ރައްޔިތުން ޙަރަކާތްތެރިވާއިރު ރައްޔިތުންނަށް މަގުދައްކައިދީ ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ބައެއްގެ ގޮތުގައި ފުލުހުން ތިބެން ޖެހޭނެކަމަށްވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި ހެޑް އޮފް ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އާއި މާލޭ ސިޓީގެ އެކްޓިން ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު އިބްރާހިމް ބައިވެރިވެލެއްވި އެވެ.