ހަބަރު

އައްޑޫގައި ހޮސްޕިޓަލް އެޅުން ލަސްކުރަނީ ތަފާތުކުރުން ގެންގުޅޭތީ: އެމްޑީޕީ

އައްޑޫ ސިޓީގައި އެޅުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ނުފަށައި ސަރުކާރުން އެކަން ލަސްކުރަމުން ގެންދަނީ، އައްޑޫ ރައްޔިތުންނާ މެދު ސަރުކާރުން ތަފާތު ކުރުން ގެންގުޅޭތީ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީއިން ބުނެފި އެވެ.

އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް ލަސްކުރަންވީ ސަބަބެއް ނެތް ކަމަށާއި އެ މަޝްރޫއަށް ހިނގާނެ ހަރަދުގެ ބޮޑު ބައެއް ބޭރުގެ އެހީގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. އެގޮތުން އެ މަޝްރޫއު އަށް ބޭރުގެ އެހީގެ ގޮތުގައި 58 މިލިއަން ޑޮލަރު ލިބިފައިވާކަން ޝަރީފް ފާހަގަކުރެއްވި އެވެ.

އައްޑޫ ހޮސްޕިޓަލްގެ މަސައްކަތް ފެށުން ލަސްވުމަކީ ގައުމީ މައްސަލައެއް ކަމަށް ސިފަކުރައްވާ ޝަރީފް ވިދާޅުވީ އެ މައްސަލަ އެމްޑީޕީއިން ސިޔާސީ ނުކުރާނެ ކަމަށާއި ހޮސްޕިޓަލް މަޝްރޫއަށް އެ ޕާޓީއެއް ދެވެން އޮތް އެއްބާރުލުމެއް ދޭނެ ކަމަށެވެ.

ސަތޭކަ އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ސަރުކާރުން މަޑުޖައްސާލީ ބަޖެޓުގެ ޑެފިސިޓް ކުޑަ ކުރުމަށް ކަމަށް ސަރުކާރުން ބުނެފައިވާތީ އެކަމަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ ހޮސްޕިޓަލް އެޅިއަސް، ބަޖެޓް ޑެފިސިޓަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ޝަރީފް ވަނީ ހިތަދޫ ހޮސްޕިޓަލް މަރާމާތުކޮށް، ހިދުމަތްތައް ރަނގަޅުކުރަން ސަރުކާރުކުރާ މަސައްކަތަށް މަރުހަބާ ކިޔާފަ އެވެ. ނަމަވެސް އައްޑޫގައި އަޅަން ވައުދުވެ، ބަޖެޓްގައި ހިމަނާފައިވާ 100 އެނދުގެ ހޮސްޕިޓަލް ވެސް އެޅުމަށް ބަޖެޓު ކުރެވިފައި އޮތް ގޮތަށް ކުރިއަށް ގެންދިއުމަށް ޝަރީފް ގޮވާލެއްވި އެވެ.