ފެމިލީ ކޯޓް

އަންނަ އަހަރުގެ ހުރިހާ ދުވަހަކު ކައިވެނި ކޮށްދޭނެ

Dec 31, 2021

އަންނަ އަހަރުގެ ހުރިހާ ދުވަހަކު ކައިވެނި ކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

ފެމިލީ ކޯޓުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އަންނަ އަހަރު، ހަފްތާގެ ހުރިހާ ދުވަހެއްގެ ކައިވެނި ކޮށްދޭން އެ ކޯޓުން ނިންމާފައިވާ ކަމަށެވެ.

ރަސްމީ އަދި ނުރަސްމީ ގަޑީގައި އަދި ކޯޓާއި ކޯޓުން ބޭރުގައި ވެސް ކޮންމެ ދުވަހަކު ކައިވެނި ކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ބުނެ އެވެ.

އިއުލާނުގައިވާ ގޮތުގައި ރަސްމީ ގަޑީގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރު 1:30 އަށެވެ.

ނުރަސްމީ ގަޑީގައި ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ކައިވެނި ކޮށްދޭނެ ކަމަށް އިއުލާނުގައިވެ އެވެ.

މީގެ އިތުރުން ރޯދަ މަހު ކައިވެނި ކޮށްދޭނެ ގަޑިތައް ފަހުން އިއުލާނުކުރާނެ ކަމަށް ވެސް ކޯޓުން ބުނެފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ ކުރީކޮޅު ގިނަ ކައިވެނިތައް ކޮށްދީފައި ވަނީ އޮންލައިންކޮށެވެ. އަދި ބައެއް ބަންދު ދުވަސްތަކުގައި ކައިވެނި ނުކޮށްދޭ ގޮތަށް ވެސް މީގެ ކުރިން އެ ކޯޓުން ކަނޑައަޅާފައި ވެއެވެ.