ހިޔާ މަޝްރޫއު

ހިޔާ ފްލެޓްގައި އަޑުގަދަވާ ގޮތަށް މަސައްކަތް ނުކުރަން އަންގައިފި

ހިޔާ ފްލެޓްތަކުގައިި ރޭގަނޑު އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެޗްޑީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތް ކުރުމަށް މިހާތަނަށް ދޫކޮށްފައިވާ މުއްދަތަ އަންނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ހިޔާ ފްލެޓްތަކުގައި މިވަގުތު ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާތީ ރޭގަނޑު 10:00 އިން ހެނދުނު 8:00 އާއި ދެމެދު އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާ ކަމެއް ކަމުގައި އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން މީގެކުރިން ވަނީ މާދަމާ އިން ފެށިގެން ގާކުނި އަދި އެޒާތުގެ އެހެނިހެން ކުނި އުކާލަންޖެހޭނީ ފްލެޓްތަކުގެ ވެރިފަރާތުން އެކަމަށް ހާއްސަކޮށްފައިވާ މުއައްސަސާތަކާ ގުޅިގެން ކަމަށް އަންގާފަ އެވެ. ނަމަވެސް ހިޔާ ސަރަހައްދުގެ މަގުތައް ހަދާ ނިމެންދެން އެކަމަށް އަމަލުކުރުން އެޗްޑީސީން މިހާރު ވަނީ ފަސްކޮށްފަ އެވެ.

"މީގެއިތުރުން ހިޔާ ޓަވަރު ތަކުގައި ގިނަ ބަޔަކު ދިރިއުޅެން ފަށާފައިވުމުން އެ ފަރާތްތަކަށް ދިމާވާ ދަތިތައް ކުޑަކުރުމަށްޓަކައި ފްލެޓްތަކުގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުން ވީހާވެސް އަވަހަށް ފްލެޓްގެ އެތެރޭގެ މަސައްކަތްތައް ނިންމާ މި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރުމަށް އިލްތިމާސް ކުރަމެވެ،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

ހިޔާ ފްލެޓްތަކުގައި އޮގަސްޓް މަހުން ފެށިގެން މީހުން ދިރިއުޅެމުންދާއިރު 1،000 ފްލެޓަށް ވުރެ ގިނަ ފްލެޓްގައި މިހާރު މީހުން ދިރިއުޅެ އެވެ.