ހަބަރު

ރާއްޖޭގައި އުފެއްދިދާނެ ކަމަށް ގަބޫލު ނުކުރާ އެތައް އެއްޗެއް އެބަ އުފައްދާ: މިނިސްޓަރު

ރާއްޖޭގައި އުފެއްދިދާނެ ކަމަށް ކުރިން ގަބޫލުނުކުރާ އެތައް އުފެއްދުންތަކެއްް މިހާރު ރާއްޖޭގައި އުފައްދަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު ފަހު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަޢީދު ވިދާޅުވީ ބޭރުން އެއްޗިހި އިމްޕޯޓުކޮށްގެން އަދި ތަކެތި ގެނެސްގެން މިހާރު އެކްސްޕޯޓް ކުރެވޭ ފެންވަރަށް ރާއްޖޭގައި އެކި ތަކެއްތި އުފައްދަމުން އަންނަ ކަމަށެވެ.

"ކުރިން އުފެއްދިދާނެ ކަމަށް ގަބޫލު ނުކުރި އެތައް އުފެއްދުންތަކެއް މިހާރު ރާއްޖޭގައި އެބަ އުފައްދާ، ބޫޓާއި ދަބަސް ފަދަ ތަކެއްޗަކީ އޭގެ މިސާލެއް، އެތަކެތި މިހާރު އެކްސްޕޯޓް ކުރެވޭ ފެންވަރަށް އެބަ އުފައްދާ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މިތަކެތި ގިނަ އަދަދަކަށް މެޝިނަރީސް ބޭނުންކޮށްގެން އުފެއްދޭނެ ގޮތެއް ބަލައި އެތަކެތި އުފައްދައި ރާއްޖޭގެ ޓްއަރިޒަމް މާކެޓަށް ނެރެން ބޭނުންވާ ކަމަށެވެ.

މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އުފެއްދުންތެރިކަމުގެ މައުރަޒުގައި ދައްކާލާ ތަކެތި އަންނަ އަހަރު އެފްރިކާގައި އޮންނަ ސައުތް އޭޝިއާ އެކްސްޕޯގައި ބައިވެރިކުރުމަށް ވިސްނަމުންދާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ. އެ އެކްސްޕޯގައި ރާއްޖެއަށް ބޮޑު ޖާގައެއް ލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މިމަހު 22 ގައި ރާއްޖޭގައި ފަށާ މައުރަޒުގައި އާ ގިނަ އުފެއްދުންތަކެއް ފެންނާނެ ކަމަށެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ކަނޑު ދަތުރު ކުރާ އުޅަނދު ފަހަރުގެ ގަވާއިދެއް ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ވަކި އަދަދަކަށް ފަޅުވެރިން ބޭތިއްބުމަށް ނިންމާފައިވާ ކަމަށާއި މިކަމާއި ބެހޭ ތަފްސީލް ވަރަށް އަވަސް މުސްތަގްބަލެއްގައި ޓްރާންސްޕޯޓް އޮތޯރިޓީ އިން ހާމަކުރާނެ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި އެއްގަމު އުޅަނދުފަހަރުތައް ވަކި އުމުރެއް ވަންދެން ދުއްވޭ ގޮތަށް ގަވާއިދު ބަދަލުކުރުމަށް ވިސްނާ ކަމަށާއި ނަމަވެސް މިކަމާއި ބެހޭގޮތުން ހިޔާލު ހޯދުމަށް އަންނަ ހަފްތާގެ ތެރޭގައި ހުޅުވާލާނެ ކަމަށެވެ.