އައްޑޫ ސިޓީ ކައުންސިލް

ހުޅުދޫއާއި މީދޫ ވަކިވާން ޕެޓިޝަނެއްގައި ސޮއިކުރަނީ

Jan 1, 2022
2

އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސުން ހުޅުދޫއާއި މީދޫ ވަކިކުރުމަށް ގޮވާލައި ސަރުކާރަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ.

މީގެކުރިން ވެސް މި ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ހުޅުދޫއާއި މީދޫގައި ކޮށްފައިވެ އެެވެ. ނަމަވެސް ދުވަސްތަކަކަށް މަޑުޖެހުމަށްފަހު އަލުން މި ޕެޓިޝަންގައި ސޮއި ކުރަން ފަށާފައި މިވަނީ އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސުން ހުޅުދޫއާއި މީދޫ ވަކިކޮށްދިނުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހެޅުމަށެވެ.

މިކަމުގައި އިސްކޮށް އުޅޭ ބައެއް މީިހުން ބުނި ގޮތުގައި ހުޅުދޫއާއި މީދޫގައި ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ދެ ރަށަށް ނިސްބަތްވާ އެހެން ރަށްތަކުގައި އުޅޭ މީހުން ވެސް ޕެޓިޝަންގައި ސޮއި ކުރަމުން އެބަދެ އެެވެ. ހުޅުދޫ އާއިި މީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަށް ވަރަށް ގިނަ ބަޔަކު ތާއީދު ކުރާ ކަމަށްވެސް އިސްކޮށް އުޅޭ މީހުން ބުނެފައިވެ އެވެ.

މި ޕެޓިޝަނަށް ބޭނުންވާ ގިނަ އަދަދެއްގެ ސޮއި ހަފްތާއެއްގެ ތެރޭގައި ހޯދުމަށްފަހު ވީހާވެސް އަވަހަށް ސަރުކާރަށް ޕެޓިޝަން ހުށަހެޅުމަށް މިކަން އިންތިޒާމުކުރާ މީހުން ވަނީ ނިންމާފަ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސުން ހުޅުދޫއާއި މީދޫ ވަކިކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް އަލުން ފަށާފައި މިވަނީ އެކަމަށް ރައްޔިތުންގެ ހިޔާލު ހުރި ގޮތް ހޯދުމުގެ މަސައްކަތް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވެސް ފައްޓަވާފައި ވަނިކޮށެވެ.

ރޮޒައިނާ ވިދާޅުވީ ހުޅުދޫއާއި މީދޫއާ ގުޅޭ ކޮންމެ ކަމެއް ނިންމުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ތެރެއިން އެ ދެ ރަށުގެ ރައްޔިތުންނަށް އެތައް ތަކުލީފަކާ ކުރިމަތިލާން ޖެހޭ ކަމުގެ ޝަކުވާތައް އަބަދުމެ ލިބެމުންދާ ކަމަށެވެ. އެހެންވެ ރައްޔިތުން ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ކަމަށްވާނަމަ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަޖލިސް ހުޅުވުމާ އެކު ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިގެން އެ މަސައްކަތް ފައްޓަވާނެ ކަމުގައިވެސް ވިދާޅުވި އެެވެ.

"ޝަކުވާތަކަށް އާ ކައުންސިލާ އެކު ހައްލެއް ލިބޭނެ ކަމަށް ރައްޔިތުން އުއްމީދު ކުރި، ނަމަވެސް މި ޝަކުވާތަކަކަށް ނިމުމެއް ނައި،" ރޮޒައިނާ ވިދާޅުވި އެވެ.

މިމައްސަލާގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސުން ހުޅުދޫއާއި މީދޫ ވަކިކޮށްލުމަކީ އައްޑޫ އަށް ވެސް އަދި ހުޅުދޫ އާއި މީދޫ ރައްޔިތުންނަށް ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަަށެވެ. އައްޑޫގެ ތަރައްގީއަށް އެދޭނަމަ އައްޑޫގެ ހުރިހާ ރަށްތަކެއްގެ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުން މުހިއްމު ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ ހުރިހާ އެންމެން ގުޅިގެން ކުރިއަށް ދިއުމަށް ވުރެ ވަކިން ރަނގަޅު ގޮތެއް. އަޅުގަނޑު އެދެނީވެސް އައްޑޫ ރައްޔިތުން ބައިބައި ނުވުމަށް،" މޭޔަރު ނިޒާރު ވިދާޅުވި އެވެ.