ޓޫރިޒަމް

ބޯޑާ މައިލްސްގައި 146،000 ފަތުރުވެރިން ބައިވެރިވެއްޖެ

Jan 1, 2022

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކޮށްގެން ތައާރަފްކޮށްފައިވާ "މޯލްޑިވްސް ބޯޑާ މައިލްސް" ޕްރޮގްރާމުގައި ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން ބައިވެރިވެއްޖެ އެވެ.

ކަމާގުޅޭ އިދާރަތަކުން އާންމުކޮށްފައިވާ ތަފާސްހިިސާބުތަކަށް ބަލާއިރު އިއްޔެ ނިމިގެންދިޔަ 2021 ވަނަ އަހަރުގެ ނިޔަލަށް 146،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ބޯޑާ މައިލްސް ޕްރޮގްރާމުގައި ބައިވެރިވެފަ އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އިސް ނެގުމެއްގެ ދަށުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ ގުޅިގެން "މޯލްޑިވްސް ބޯޑާ މައިލްސް"ގެ ނަމުގައި ފަރުމާ ކޮށްފައިވާ ޕްރިވިލެޖް ޕްރޮގްރާމް ތައާރަފް ކުރީ ސެޕްޓެމްބަރު 27, 2020 ގައެވެ.

މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ބޯޑަރު ހުރަސްކޮށް ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިންޓް ލިބޭ ގޮތަށެވެ. ތިން ޕެކޭޖު ހިމެނޭ މި ޕްރޮގްރާމުގެ ބްރޯންޒް ޕެކޭޖުގެ ނަމަކީ "އައިދަ" އެވެ. ސިލްވާ ޕެކޭޖަކީ "އަންތަރަ" އަދި ގޯލްޑަކީ "އަބާރަނަ" އެވެ. ހާއްސަ ބެނެފިޓްސް ތަކެއް މި ޕެކޭޖުތަކުގައި ހިމެނޭނެ އެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމުގައި މިހާތަނަށް 30 އަކަށް ޕާޓްނަރުން ބައިވެރިވެފައިވާއިރު ޕާޓްނަރުންގެ ފަރާތުން ތަފާތު އެތައް ހިދުމަތްތަކެއް އަގު ހެޔޮކޮށް ލިބުމަށް ފަސޭހަވެ މަތީ ފެންވަރުގެ ހިދުމަތްތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.