ބޮލީވުޑް

"ދިލްވާލޭ" - "ބާޖީރާއޯ މަސްތާނީ"ގެ ކުރިމަތިލުން: ކާމިޔާބު ވާނީ ކޮން ފިލްމެއް؟

Dec 17, 2015

އަހަރުގެ އެންމެ ބޮޑު ކުރިމަތުލުމުގެ ގޮތުގައި ފެނިގެންދާ ދެފިލްމު މިހުކުރު ދުވަހު ރިލީޒްކުރާނެ އެވެ. މިދެފިލްމަކީ އެންމެ ގިނަބަޔަކު އިންތިޒާރުކުރާ ދެފިލްމަށް ވުމުގެ އިތުރަށް، މިއީ އަށް އަހަރު ދުވަސް ފަހުން ޝާހްރުކް ޚާނާއި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއް ބޮކްސް އޮފީހުގައި ކުރިމަތިލާ ފުރަތަމަ ފަހަރެވެ.

ޑައރެކްޓަރު ރޯހިތު ޝެޓީގެ "ދިލްވާލޭ" އާއި ސަންޖޭ ލީލާ ބަންސާލީގެ "ބާޖީރާއޯ މަސްތާނީ" މިމަހުގެ 18ވަނަ ދުވަހު ރިލީޒްކުރާކަން އިއުލާންކުރުމާއެކު ގިނަބަޔަކު ވަނީ މިއީ މިއަހަރުގައި ފެނިގެންދާނެ އެންމެ ބޮޑު ކުރިމަތުލުން ކަމަށް ބުނެފަ އެވެ.

މިދެފިލްމުގެ އެންމެފަހުގެ ޕްރޮމޯޝަން މަސައްކަތްތައް ކުރިއަށްދާ ގޮތުންވެސް ދެފިލްމުގެ ދެމެދުގައި އޮތް ބޮޑު ވާދަވެރިކަން ހާވެގެންދެ އެވެ. އެންމެ ތަންކޮޅެއްވެސް އެއްބަޔަކު އަނެއްބަޔަކަށް ދޫކުރުމެއްނެތި ފޮލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް އަންނަނީ ފުރަތަމަ ގިޔަރުގައި ކުރަމުންނެވެ.

މިދެފިލްމު އެއް ދުވަހެއްގައި ރިލީޒްކުރާކަން އިއުލާންކުރެވިގެން ދިއުމާއެކު ގިނަބަޔަކު އައީ ކާމިޔާބު ލިބޭނީ މިދެފިލްމުގެ ތެރެއިން ކޮންމެވެސް އެއް ފިލްމަކަށް ބުނެފަ އެވެ.

ބެލުންތެރިންގެ ހިތް އަތުލާނެ ފިލްމެއް ހުކުރު ދުވަހު މިދެފިލްމު ރިލީޒްކުރެވިގެން ދިއުމުން އެނގިގެންދާނެ އިރު، މިދެފިލްމުގެ ބޮޑު ކުރިމަތިލިމުގެ ކުރިން ފިލްމާ މެދު ދެކޭ ގޮތް ބަލާލުން މުހިންމެވެ.

ދެފިލްމުގައިވެސް ހިމެނެނީ މިހާރު ބޮލީވުޑްގައި ތިބި ތަރިންގެ ތެރެއިން މަޝްހޫރު ތަރިން ކަމުގައި ވިޔަސް، މިހާރުވެސް ގިނަ ފިލްމު ކްރިޓިކުންނަށް ބުރަވެވެނީ ޝާހްރުކް އާއި ކާޖޮލް ލީޑްރޯލުން ފެނިގެންދާ "ދިލްވާލޭ" އަށެވެ. ޝާހްރުކްގެ ޖާދޫގައި ޖެހިފައިވާ އެތަކެއް މިލިއަން ފޭނުން ތިބިއިރު، މީގެ އަށް އަހަރު ކުރިން ޝާހްރުކް އާއި ދިޕިކާ ޕަދުކޯންގެ "އޯމް ޝާންތީ އޯމް" އާއި ބަންސާލީގެ "ސާވަރިޔާ" އެއް ދުވަހެއްގައި ރިލީޒްވެފައިވާއިރު، އެފަހަރު ޝާހްރުކްގެ ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބި "ސާވަރިޔާ" ވަނީ ބޮޑު ފްލޮޕަކަށްވެފަ އެވެ.

ޝާހްރުކް އާއި ވާދަކޮށް ވަރަށް ހިތިގޮތަކަށް ބަލިވެފައިވާއިރު، އަނެއްކާ ވެސް ބޮޑު ބައްޔަކުން ބަލިވާކަށް ބަންސާލީ އެއް ނޭދެ އެވެ. "ބާޖީރާއޯ މަސްތާނީ" އަކީ ބަންސާލީގެ އެންމެ އުންމީދީ ފިލްމެވެ. މިފިލްމުގެ މަސައްކަތްކުރަމުން އަންނަތާ މިހާރު ބާރަ ވަރަކަށް އަހަރުވެފައިވާއިރު، އެންމެ ފުރަތަމަ މިފިލްމުގެ ތަރިންގެ ގޮތުގައި ހިމަނަން ބަންސާލީ ބޭނުންވީ ސަލްމާން ޚާނާއި އައިޝްވާރިޔާ ރާއީ އެވެ. ނަމަވެސް އެދެތަރިންގެ ދެމެދުގައި އޮންނަ ރުޅިވެރިކަމެއްގެ ސަބަބުން އެދެތަރިން ހިމަނައިގެން މިފިލްމު ނުއުފެއްދޭނެ ކަން އެނގުމުން ބަންސާލީ ރަންވީރާއި ދިޕިކާ އަދި ޕްރިޔަންކާ ޗޯޕްޅާ ހިމަނައިގެން މިފިލްމު އުފައްދަން ފަށާފައިވަނީ މިދިޔަ އަހަރު އެވެ.

ލީޑްތަރިން ހަމަނުޖެހި ދިގުލައިގެން ގޮސްފައިވާ މިފިލްމު އުފައްދާފައިވަނީބޮޑު ބަޖެޓަކުން ކަމުން، ފިލްމަށް ކާމިޔާބު ލިބުން ބަންސާލީ އަށް ވަރަށް މުހިންމެވެ.

ހުރިހާ ގޮތަކުންވެސް "ދިލްވާލޭ" އަށް ބެލުންތެރިންގެ ސަމާލުކަން ހުއްޓޭ، އަދި ބެލުތެރިން އެންމެ އިންތިޒާރުކުރާ ފިލްމަށް ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުކަމަށްވާ ޝާހްރުކް - ކާޖޮލްގެ ޖޯޑު ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު، ކުޅޭ ފުރަތަމަ ފިލްމަށް މިފިލްމުވީއިރު މިފިލްމު ބަލަން ސިނަމާތަކުގެ ބޭރުގައި ދިގު ކިޔޫތަކެއް ތިބޭނެ ކަމީ ޝައްކެއް އޮތްކަމެއް ވެސް ނޫނެވެ.

"ދިލްވާލޭ"ގެ ޓްރެއިލާ

އަނެއްކޮޅުން "ބާޖީރާއޯ މަސްތާނީ"ގެ ލަވަތަކަކީ ތަންކޮޅެއް ކްލެސިކް ލަވަތަކަށް ވުމުން، "ދިލްވާލޭ"ގެ ލަވަތައް ވައިގައި ހިފި ވަރަށް މިފިލްމުގެ ލަވަތައް ހިނގާފައެއް ނުވެ އެވެ.

ނަމަވެސް ދެފިލްމުގެ ޓްރެއިލާއަށް ބެލުންތެރިންގެ ތައުރީފު ވަނީ ބަންޑުންކޮށްލާފަ އެވެ.

މިދެފިލްމުގެ ބޮޑުކުރިމަތިލުމަށް މިހާރު ވަގުތު ވަރަށް ކުޑަތަން ވެފައިވާއިރު، ހޯމަ ދުވަހުން ފެށިގެންވަނީ ދެފިލްމުގެ ވެސް އެޑްވާންސް ބުކިން ފަށާފަ އެވެ. އެގޮތުން ދެފިލްމުގެ ތެރއިންވެސް "ދިލްވާލޭ"ގެ ޓިކެޓްތަކަށް ބޮޑު ޑިމާންޑެއް ލިބިފައިވާއިރު ފުރަތަމަ ދުވަހުގެ ގިނަ ޝޯތަކުގެ ޓިކެޓު މިހާރު ވިކި ހުސްވެފައިވާ ކަމަށްވެ އެވެ. އެހެންކަމުން ފުރަތަމަ ދުވަހު މިފްމުގެ ފެށުން ރަނގަޅު ވާނެ ކަމަށް ބެލެވެ. ނަމަވެސް 'ދިލްވާލޭ" އާއި "ބާޖީރާއޯ މަސްތާނީ" ރިލީޒްކުރުމަށް ގާތްގަނޑަކަށް ލިބިފައިވަނީ އެއް އަދަދެއްގެ ސްކްރީންތަކެއް ކަމަށްވެ އެވެ.

"ބާޖީރާއޯ މަސްތާނީ"ގެ ޓްރެއިލާ

ދެފިލްމުގައި ނަން މަޝްހޫރު އެކްޓަރުން ހިމެނުނު ކަމުގައި ވިޔަސް، ކާމިޔާބު ލިބޭނީ ކޮންމެވެސް އެއް ފިލްމަކަށް ކަން ޔަގީނެވެ. ކާމިޔާބު ލިބޭނީ ކާޖޮލް އާއި ޝާހްރުކްގެ ޖާދޫވީ ޖޯޑަށްތޯ ނުވަތަ ޒުވާން ދެލޯބިވެރިން ކަމަށްވާ ރަންވީރާއި ދިޕިކާގެ ކެމިސްޓްރީއަށް ތޯ އެނގޭނީ ހުކުރު ދުވަހު މިދެފިލްމު ރިލީޒްކުރުމުންނެވެ.