ކްރިމިނަލް ކޯޓް

ލަމްހާގެ ބަންދަށް އިތުރު 15 ދުވަސް

Jan 2, 2022
1

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މޭރީގެ ފިރިމީހާ މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ ބަންދަށް އަނެއްކާ ވެސް މުއްދަތު ޖަހައިފި އެވެ.

މޭރީގެ މަރުގެ މައްސަލާގައި މާވިން ހައްޔަރުކުރީ މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހު އެވެ. ލަމްހާ ހައްޔަރުކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.

މޭރީއާއި މާވިންއާއި ލަމްހާ އަކީ އައިޖީއެމްއެޗްގެ ނަރުހުންނެވެ. މާވިން އާއި ލަމްހާ މަސައްކަތް ކުރަމުން ދިޔައީ ޑައިލިސިސް ޔުނިޓްގަ އެވެ.

އުމުރުން 24 އަހަރުގެ ލަމްހާގެ ބަންދަށް ކޯޓުން އެންމެ ފުރަތަމަ 15 ދުވަސް ދިނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ލަމްހާގެ ބަންދަށް ދެވަނަ ފަހަރަށް 15 ދުވަސް ދީފަ އެވެ.

މާވިން ހައްޔަރުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާ ހުރީ ފުލުހުންގެ ބަންދުގަ އެވެ.

މޭރީ އަމިއްލައަށް މަރުވި ކަމަށް އޭނާގެ ފިރިމީހާ ބުނާތީ އެ މައްސަލަ ފުލުހުން ބަލަން ފެށީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. މައްސަލަ ބަލަން ފެށީ އެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރެގެންނެވެ.

މޭރީ އަމިއްލައަށް މަރުވި ކަމަށް އޭނާގެ ފިރިމީހާ ބުނާތީ އެ މައްސަލަ ފުލުހުން ބަލަން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު އެވެ. މައްސަލަ ބަލަން ފެށީ އެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރެގެންނެވެ.

މާވިންއާއި ލަމްހާގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން މިހާރު ވަނީ އެ މައްސަލަ ޕީޖީ އޮފީހަށް ވެސް ފޮނުވާފަ އެވެ. މޭރީ މަރަން ރޭވުމާއި، މަރު ފޮރުވުމާއި، ކުށް ކުރުމަށް ރޭވުމާއި، ކުށެއް ކުރުމަށް އެދުމާއި، ކުށްކުރުމުގެ އާލާތް އަތުގައި ހުރުމާއި އަދި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތު ލަމްހާގެ މައްޗަށް ކުރެވެ އެވެ.

މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ވެސް ވަނީ ހަދާފަ އެވެ. ފުލުހުން ބުނީ މޭރީ އަމިއްލައަށް ދަންޖެހިފައިވާ ކަމަަށް ނުބެލެވޭ ކަމަށެވެ. އަދި ބެލެވެނީ އެއްޗަކުން ޖެހުމުން މަރުވީ ކަމަަށެވެ. ނުވަތަ މީހެއްގެ ފަރާތުން ލިބުނު ބޮޑު އަނިޔާއަކުން މަރުވީ ކަމަަށް ބެލެވޭ ކަމަށެވެ.

މޭރީ މާލޭގައި އުޅެމުން ދިޔައީ ފިރިމާހާއާއި އަދި ފަސް އަހަރުގެ ދަރިފުޅާ އެކުގަ އެވެ. ދަރިފުޅު މިހާރު ވަނީ މެރީގެ އާއިލާއާ ހަވާލުކޮށްފަ އެވެ.