ފިނޭންސް މިނިސްޓްރީ

ނ. މަގޫދޫގައި ބަނދަރެއް ހަދައިދޭނެ ބަޔަކު ހޯދަނީ

Jan 2, 2022

ނ. މަގޫދޫ ބަނދަރު އަމިއްލަތަކެތީގައި ޑިޒައިންކޮށް ހަދައިދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ކަަމަށެވެ.

ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން -- އެންސީބީ އުސޫލުގެ މަތިންނެވެ.

މިމަޝްރޫއަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 190،000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ. ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ.

ބިޑް ހުށަހަޅަންޖެހެނީ ކުރިއަށް އޮތް ޖެނުއަރީ 19ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން ފިނޭންސް މިނިސްޓްރީ އަށެވެ.

އާބާދީގައި 433 މީހުން ދިރިއުޅޭ މަގޫދޫގައި މިހާރު ވެސް 300 ފޫޓް ދިގު އަދި 150 ފޫޓް ބަނދަރެއް ހަދާފައި އެބައޮތެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މަގޫދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ނަސީރު ވިދާޅުވީ މަގޫދޫގައި އަލުން ބަނދަރު ހަދަންޖެހިފައިވަނީ މިހާރު ބޭނުންކުރާ ބަނދަރު ކުޑަވުމުންނާއި ބަނދަރު ހަދާފައިވާ ގޮތުން ބަނދަރު ތެރެއަށް ވެލި އެޅި ބަނދަރު ތިލަވާތީ ކޮންމެ އަހަރަކުހެން ފުންކުރަންޖެހޭ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

މީގެއިތުރުން އިރުވައި މޫސުމުގައި ގަދަވާ ދުވަސްތަކުގައި މަގޫދޫ ބަނދަރަށް ވަންނަން އޮންނަ ނެރު ކައިރި ގަދަވުމުން ނުރައްކާތެރި ހާދިސާތައް ހިނގާތީ އެކަން ހައްލުކުރުމަށްޓަކައި ވެސް މަގޫދޫ އަށް ބަދަރެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުން މިރަށުގައި އަލުން ބަނދަރެއް ހަދައިދޭތީ މަގޫދޫ ކައުންސިލާއި ރަށުގެ ރައްޔިތުންގެ ފަރާތުން ސަރުކާރަށް މިފުރުސަތުގައި ޝުކުރުވެސް ދަންނަވަން،" ފަތުހުﷲ ވިދާޅުވި އެވެ.