ހަބަރު

ސާކް ޖޫނިއާ ޓީޓީ މުބާރާތަށް ރާއްޖެ ތައްޔާރުވާން ފަށައިިފި

ރާއްޖޭގައި މިދިޔަ އަހަރު ނުބޭއްވުނު ސައުތު އޭޝިއަން ޖޫނިއާ ޓީޓީ ޓޯނަމަންޓް މިއަހަރު ބޭއްވުމަށް ތައްޔާރުވާން ފަށައިފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދް ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން މިދިޔަ އަހަރު ނުބޭއްވުނު މުބާރާތް ބޭއްވުމަށް މިހާރު ނިންމާފައިވަނީ މިއަހަރުގެ މާޗް 20 އިން 22 އަށް ކަމަށެވެ.

މި މުބާރާތުގައި ކުޅުންތެރިން ބައިވެރިވާނީ ދެ އުމުރުފުރަ އަކުންނެވެ. އެއީ 15 އަހަރުން ދަށާއި 19 އަހަރުން ދަށެވެ.

އަލީ ރަޝީދު ވިދާޅުވީ އެންމެ ލަސްވެގެން މާދަމާގެ ވަގުތެއްގައި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާނެ ކަމަށެވެ. ނޭޕާލް، ބަންގްލަދޭޝް އަދި ސްރިލަންކާ އިން މުބާރާތުގައި ބައިވެރިވާނެ ކަމަށް ނުރަސްމީކޮށް އަންގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބައޮތް އެކަށީގެންވާ އަދަދަކަށް ކުޅުންތެރިން ބައިވެރިވެ ފޯރިގަދަ މުބާރާތެއް ބޭއްވޭނެ ކަމަށް،" އަލީ ރަޝީދު ވިދާޅުވި އެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީޓީ އެސޯސިއޭޝަނުން ވަނީ އެންމެ ފަހުން ގައުމީ ކޯޗަކަށް ހުރި ގްރީސްގެ ކޯޗު އަލުން ރާއްޖެ ގެނައުމަށްވެސް ނިންމާފަ އެވެ.

އަލީ ވިދާޅުވި ކޯޗު އައުމާ އެކު ރަސްމީ ތަމްރީންތައް ފަށާނެ ކަމަށާއި ކޯޗު ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވެނީ މިމަހުގެ 10 ގައި ކަމަށެވެ.

"މިހާރުވެސް ޓީމުގެ އެންމެ ރަނގަޅު އެއް ކުޅުންތެރިޔާ ކަމުގައިވާ ދީމާ ހުރީ ޓްރެއިނިން އަށް ތައިލޭންޑް އަށް ފޮނުވާފައި. އެއީ ވެސް މުބާރާތަށް ވެވޭ ތައްޔާރީ އަކަށް ވާނީ،" އަލީ ވިދާޅުވި އެވެ.

މުބާރާތަށް ތައްޔާރުވާއިރު ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން އަލީ ވިދާޅުވީ ރާއްޖޭގެ ކުޅުންތެރިންނާ އެކު ތަމްރީނު ތަކުގައި ބައިވެރިކުރަން ބޭރުން ކުޅުންތެރިން ގެނެވޭނެ ގޮތެއް އަދި މިވަގުތު ހަމަޖެހިފައި ނެތުމަކީ އޮތް ގޮންޖެހުމެއް ކަމަށެވެ. ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތަކަށް ކުޅުންތެރިން ތައްޔާރުވާއިރު ބޭރުގެ ކުޅުންތެރިންނާ އެކު ތަމްރީންވުމުގެ ފުރުސަތަކީ ކޮންމެހެން ފަހިވެފައި އޮންނަންވާނެ ފުރުސަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެފަދަ ކުޅުންތެރިންނާ އެކު ތަމްރީނުތައް ހެދުމުން ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު ވެސް ރަނގަޅުވެ ކޯމިޔާބު ހޯދުމަށް ފަސޭހަވާނެ،" އަލީ ވިދާޅުވި އެވެ.