އައްޑޫ ސިޓީ ކައުންސިލް

ހިތަދޫ ގޭދޮށު މަސް ފެކްޓަރީ ހަދަން އާ ބަޔަކަށް

Jan 3, 2022

އައްޑޫ ސިޓީގައި ގޭދޮށު މަސް ފެކްޓަރީ ހަދަން އިންޑިއާގެ އެލްނާތު މޯލްޑިވްސްއާއެކު ހަދާފައި އޮތް އެއްބަސްވުން ބާތިލްކޮށް އެހެން ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ގޭދޮށު މަސް ފެކްޓަރީ ހެދުމަށް އެލްނާތުއާ އެކު އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ މެއި މަހު އެވެ. މަޝްރޫއު ފަށާތާ 280 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޝަރުތުކޮށްފައި އޮތެވެ.

އައްޑޫ ސިޓީ ކައުންސިލުން އެއްބަސްވުން ބާތިލްކުރީ އެލްނާތު ކުންފުނިން މަސައްކަތް ކުރިއަށް ނުގެންދާތީ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

ސިޓީ ކައުންސިލުން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު މަޝްރޫއު ހަވާލުކޮށްފައިވަނީ ސީ ބޮޓްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ.

އެ ކުންފުންޏާ އެކު އެއްބަސްވުން ހެދީ މަސައްކަތް ފަށާތާ ގިނަވެގެން ހަމަސް ދުވަހުގެ ތެރޭގައި މަަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.

މި މަޝްރޫއަށް 14 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާއިރު 5.8 މިލިއަން ރުފިޔާ ހަރަދުކުރާނީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖްކްސް (އެޗްއައިސީޑީޕީ)ގެ ދަށުންނެވެ. ބާކީ 8.6 މިލިއަން ރުފިޔާ ހަރަދުކުރާނީ މަޝްރޫއާ ހަވާލުވާ ކޮންޓްރެކްޓަރެވެ.

އައްޑޫ ސިޓީގައި ހިތަދޫގެ އިތުރުން މަރަދޫ އާއި ހުޅުމީދޫގައި މަސް ފެކްޓަރީ ހެދުމަށް ނިންމާފައިވެ އެެވެ. އެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިންޑިއާގެ ބޮޑު އެހީތެރިކަމަކާ އެކު އެވެެ.

އައްޑޫގައި ގޭދޮށު މަސް ފެކްޓަރީތައް ހެދުމަށް އިންޑިއާ އާއި އެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ ދެވަނަ ދުވަހު އެެވެ.

ރަށް ރަށުގައި ގޭދޮށު މަސް ފެކްޓަރީ ހެދުމަކީ މިސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ވައުދެކެވެ.