އެފްއެސްއެމް

އެފްއެސްއެމް އިން ޕެޓްރޯލް ވިއްކުން ކޮންޓްރޯލްކޮށްފި

Jan 3, 2022
3

ރާއްޖެއަށް ތެޔޮ އެތެރެކޮށް ވިއްކާ އަމިއްލަ ބައެއް ކުންފުނިތަކުން ޕެޓްރޯލް ހުސްވުމާ ގުޅިގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ޕެޓްރޯލް ވިއްކުން ކޮންޓްރޯލް ކޮށްފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ ކޮންޓްރޯލްކޮށްގެން އުޅެނީ ހަމައެކަނި ޕެޓްރޯލް ކަމަށެވެ.

ގަސަމް ވިދާޅުވި ގޮތުގައި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރަމުންދާ އަމިއްލަ ދެ ކުންފުނީގެ ތެރޭގައި ހިމެނޭ ވިލާ އާއި ހޯކްސް ކުންފުނީގައި ތެލުގެ ޝޯޓޭޖެއް އުޅެ އެވެ. އެހެންވެ އެ ދެ ކުންފުނިން މިވަގުތު އެފްއެސްއެމް އިމް ޕެޓްރޯލް ގަންނާތީ ޕެޓްރޯލް ވިއްކުމުގައި ކޮންޓްރޯލެއް ގެންގުޅެނީ ކަމަށެވެ.

"ތެލަކީ މިއަދު އަސާސީ އެއްޗެއް. އެކަން ގަބޫލުކުރަންވާނެ. އެހެންވީމާ ތެލުގެ ޝޯޖެއް އުޅޭ ދެ ކުންފުންޏަކަށް އަޅުގަނޑުމެން ކުރިން ނުވިއްކާ ގޮތަށް މިހާރު ތެޔޮ ވިއްކަން ޖެހުނީމާ އެ ކޮންޓްރޯލް ނަގަންޖެހޭތީ އެކަން މިކުރަނީ،" ގަސަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ލަސްވެގެން މިމަހުގެ ހަތްވަނަ ދުވަހު ތެލުގެ ޝޯޓޭޖުގެ މައްސަލަ ހައްލުވެ ތެޔޮ ވިއްކާ ހުރިހާ ތަނަކުން ވެސް ކޮންޓްރޯލެއް ނެތި ތެޔޮ ވިއްކަން ފަށާނެ ކަމަށެވެ.

ރާއްޖެ އަށް ތެޔޮ ލިބުމުގައި އެފްއެސްއެމް އަށް ވެސް އަދި އަމިއްލަ ކުންފުނިތަކަށް ވެސް އެއްވެސް ދަތިކަމެއް ނެތް ކަމުގެ ޔަގީންކަން ގަސަމް ދެއްވި އެވެ. އަދި މިހާރު ދިމާވެގެން އުޅެނީ ވަގުތީ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.