ބޮލީވުޑް

ދިޕިކާ ސަލްމާނަށް ހަދިޔާކުރަން ބޭނުންވަނީ އިންނާނެ މީހެއް!

Dec 16, 2015
1

ސުޕަސްޓާ ސަލްމާން ޚާންގެ 50 ވަނަ އުފަންދުވަސް މިމަހުގެ 27ވަނަ ދުވަހު ފާހަގަކުރާއިރު، އޭނާގެ ފޭނުންނާއި ގާތްއެކުވެރިންގެ އިތުރުން އާއިލާގެ މީހުންގެ ފަރާތުން އުފަންދުވަހުގެ ތަހުނިޔާ އާއި ހަދިޔާތައް ސަލްމާންގެ ހިތް ފުރޭ ވަރަށް ލިބެމުންދާނެ އެވެ.

ސަލްމާންގެ 50ވަނަ އުފަންދުވަހަށް ގިނަބަޔަކު އިންތިޒާރުކުރަމުން އަންނައިރު، ބަތަލާ ދިޕިކާ ޕަދުކޯން ކުރެން ސަލްމާންގެ އުފަންދުވަހުގައި އޭނާއަށް ހަދިޔާއެއްގެ ގޮތުގައި ދޭން ބޭނުންވަނީ ކޮން ހަދިޔާއެއްތޯ އެހުމުން ވަނީ އެއްވެސް ޖެހިލުމެއް ނެތި ސަލްމާނަށް ހަދިޔާއެއްގެ ގޮތުގައި ދޭން ބޭނުންވަނީ އިންނާނެ މީހެއް ކަމަށް ބުނެފަ އެވެ.

"އަހަރެން ބޭނުންވަނީ އޭނާއަށް އިންނާނެ މީހެއް ހަދިޔާ ކުރަން" ދިޕިކާ ބުންޏެވެ.

ސަލްމާން ކައިވެނިކުރަން އުޅޭކަމުގެ ވާހަކަތަކުގެ އަޑު އަނެއްކާވެސް ގަދަވެފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު މުމްބައި ހައިކޯޓުން ސަލްމާންގެ މައްޗަށް އެކްސިޑެންޓް މައްސަލައިގައި ދަށުކޯޓުން ކުށްވެރިވާ ކަމަށް ނިންމައި ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ބާތިލް ކުރި ހިސާބުންނެވެ.

ހައި ކޯޓުން ސަލްމާން މިނިވަންކުރުމާއެކު، އޭނާ އާއި ލޯބިވެރިޔާ ކަމަށް ބުނާ ލޫލިއާ ވަންތޫރް އާއެކު މިދިޔަ ހަފްތާ ބަންދުގައި ރޭގަނޑު ގަޑީގައި އެކުގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

ގިނަބަޔަކު އަންނަނީ ތޭރަ އަހަރަށް ދިގު ދެމިގެން ގޮސްފައިވާ އެކްސިޑެންޓްގެ މައްސަލައިން ސަލްމާން މިނިވަންވުމުން ވަރަށް އަވަހަށް ކައިވެނިކުރަން ނިންމާފައިވާ ކަމަށް ބުނަމުންނެވެ. ސަބަބަކީ މިހާ ދުވަހު ސަލްމާނަށް ކައިވެނިނުކުރެވުނީ ކޯޓުތަކުގައި ހިންގަމުން އައި އޭނާގެ މައްސަލަތަކުގެ ހުކުމް އަންނާނެ ގޮތެއް ނޭގޭތީ ކަމަށް ވެސްވެ އެވެ.

މިއިވެންޓްގައި ވާހަކަދައްކަަމުން ދިޕިކާ އިތުރަށް ވަނީ ސަލްމާން މިހާރު ކުޅެމުން އަންނަ ފިލްމު "ސުލްތާން"ގެ ބަތަލާ އަކަށް އޭނާ ހަމަޖެއްސިކަމަށް ނޫސްތަކުގައި ލިޔަމުން އަންނަ ވާހަކައަކީ ދޮގެއް ކަމަށް ބުނެފަ އެވެ. އަދި މަވަގުތު އެއްވެސް ފިލްމެއް ކުޅެން ސޮއި ކޮށްފައި ނުވާ ކަމަށް ވެސް ދިޕިކާ ވަނީ ބުނެފަ އެވެ.

މިދިޔަ މަހު ރިލީޒްވި ދިޕިކާގެ "ތަމާޝާ" ޕްރޮމޯޓްކުރުމުގެ ގޮތުން ސަލްމާން ހޮސްޓް ކުރާ ރިއަލިޓީ ޝޯ "ބިގް ބޮސް" އަށް ދިޕިކާ ގޮސްފައިވަނީ އޭނާ އާއި ސަލްމާންގެ "ސުލްތާން"ގެ ރޯލަށް ގުޅޭތޯ ޗެކްކުރުމަށް ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ދިޕިކާ ވަނީ އެއްވެސް ގޮތަކަށް އޭނާ އެޝޯ އަށް ދިޔައީ ސަލްމާނާ އޭނާގެ ކެމިސްޓްރީ ޗެކްކުރުމަށް ނޫންކަމަށް ބުނެފަ އެވެ.

"އަހަރެން އެޝޯ އަށް ގޮސްފައި އައި ފަހުން އެކި ޑައިރެކްޓަރުން ވަނީ އަހަންނާއި ސަލްމާންގެ ޖޯޑު ވަރަށް ގުޅޭ ކަމަށް ބުނެ މެސެޖް ކޮށްފައި" ސަލްމާނާ އެކު ފިލްމެއް ކުޅެން ޝައުގުވެރިވާ ކަމަށް ބުނަމުން ދިޕިކާ ބުނެފައިވެ އެވެ.