ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އަނެއްކާ ވެސް އެ މައްސަލަ ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ގާނޫނީ ޓީމުން ބުނެފި އެވެ.
ޕީޕީއެމް / ޕީއެންސީގެ ލީގަލް ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަކީލް އާދަމް އާސިފް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާނުކޮށްފައިވަނީ ބޮޑެތި ޖަރީމާތަކެއް ހިންގުމަށްފަހު ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ،
އާސިފް ވިދާޅުވީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކޮށްފައި ވަނީ ވޯޓު ފޮށިތައް އިންތިހާބާ ބެހޭ މަރުކަޒު، ބާޖަމާލުއްދީނަށް ނުވެސް ގެންދަނީސް ކަމަށާއި، އިއުލާނުކުރީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އަމިއްލަފުޅަށް ހެއްދެވި ލިސްޓަކާ އެއްގޮތަށް ކަމަށެވެ. އެކަންކަން ސާބިތުވާވަރުގެ ހެކި އެބަހުރި ކަމުގައިވެސް ވިދާޅުވި އެވެ. އެހެންކަމުން ޕޮލިހަށާއި އަދި ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ވޯޓުލީ އިންތިހާބުގެ ނަތީޖާ އަކީ ގާނޫނުގެ ތެރެއިން ސައްހަ ނަތީޖާއެއްތޯ ބެލުމުގެ ހައްގު ލިބިގެންވޭ. އެހެންވީމާ ރައްޔިތުންގެ ހައްގުގައި އެކަން އަޅުގަނޑުމެން ކުރާނަން،" އާސިފް ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާނޫނީ ވަކީލް އަހްމަދު ސިއްދީގު ވިދާޅުވީ ރިޔާސީ އިންތިހާބުގެ މައްސަލަ އަކީ ސުޕްރީމް ކޯޓުން އަމިއްލަ އިސްނެގުމަށް ވެސް ބަލަންޖެހޭ އެތައް ބައެއްގެ ހައްގާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ.
"ސުމޯޓޯ ކޭސްއެއްގެ ގޮތުގައި އެ މައްސަލަ ބެލުމަކީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސް،" ސިއްދީގު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާއާ ގުޅޭ މައްސަލަ ބެލުމުގައި އުއްތަމަ ފަނޑިޔާރު، އެމަނިކުފާނުގެ ޒިންމާ ނަންގަވާފައި ނުވާ ކަމަށެވެ. އެހެންކަމުން އިންތިހާބީ ހައްގު ގެއްލިފައިވާ ރައްޔިތުންގެ ހައްގުގައި އަދިވެސް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނާ މައްސަލަ ފުލުހަށާއި އަދި ސުޕްރީމް ކޯޓަށް އެ ދުވަސް ވަރުވެސް ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެކަމަކު އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނަވަރުގެ މައްސަލައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.