ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ނަރުސްގެ މަރު: ދެ މީހުންނަށް ދައުވާކޮށްފި

Jan 4, 2022

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މޭރީގެ ފިރިމީހާ މާވިން އެސް.ވައި ވާގަސް އާއި އޭނާގެ ލޯބިވެރިޔާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

އުމުރުން 30 އަހަރުގެ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. ކުށް ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުން 10 އަހަރަށް ޖަލަށްލާނެ އެވެ. ނަމަވެސް ހުކުމް ކުރުމުގައި ގާޒީ ނިންމަވާ ގޮތްތަކެއްގެ ސަބަބުން ކުށުގެ އަދަބު ބޮޑުވުމަކީ އޮތް ފުރުސަތެކެވެ.

މާވިންގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 19 ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، ފިލިޕީންސަށް ނިސްބަތްވާ އެ ދެމަފިރިން ދިރިއުޅެމުން ދިޔަ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީ މަރާލުމާ ގުޅިގެންނެވެ. ދައުވާގައިވާ ގޮތުން މޭރީ މަރާލާފައިވަނީ އޭނާގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްލައިގެންނެވެ.

އުމުރުން 24 އަހަރުގެ ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.

ދައުވާތަކުގައިވާ ގޮތުން ލަމްހާ ވަނީ މޭރީ މަރާލުމުގެ ރޭވުމުގައި ބައިވެރިވެ، މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީ އެހީތެރިވެ ދީފަ އެވެ. އެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުން ހަ އަހަރަށް ޖަލަށްލާނެ އެވެ. މޭރީގެ މަރާ ގުޅިގެން މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅުނު ގެ ބަލައި ފާސްކުރިއިރު ލަމްހާގެ ކޮޓަރިން ފެނުނު ސިޓީ އުރައެއްގައި އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާ ކަމަށްވެސް ދައުވާގައިވެ އެވެ. އެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުން ދެ މަހާއި ބަރަ ދުވަހަށް ޖަލަށްލާނެ އެވެ. ލަމްހާގެ ކޮޓަރި ތެރެއިން، ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާ ކަމަށްވެސް ދައުވާގައިވެ އެވެ. އެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުން އެ ކުށުގައިވެސް ދެ މަހާއި ބަރަ ދުވަހަށް ޖަލަށްލާނެ އެވެ.

މޭރީގެ މަރުގެ މައްސަލާގައި މާވިން ހައްޔަރުކުރީ މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހު އެވެ. ލަމްހާ ހައްޔަރުކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.

މޭރީ އަމިއްލައަށް މަރުވި ކަމަށް އޭނާގެ ފިރިމީހާ ބުނާތީ އެ މައްސަލަ ފުލުހުން ބަލަން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު އެވެ. މައްސަލަ ބަލަން ފެށީ އެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރެގެންނެވެ.

މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ވެސް ވަނީ ހަދާފަ އެވެ. ފުލުހުން ބުނީ މޭރީ އަމިއްލައަށް ދަންޖެހިފައިވާ ކަމަަށް ނުބެލެވޭ ކަމަށެވެ. އަދި ބެލެވެނީ އެއްޗަކުން ޖެހުމުން މަރުވީ ކަމަަށެވެ. ނުވަތަ މީހެއްގެ ފަރާތުން ލިބުނު ބޮޑު އަނިޔާއަކުން މަރުވީ ކަމަަށް ބެލެވޭ ކަމަށެވެ.

މޭރީ މާލޭގައި އުޅެމުން ދިޔައީ ފިރިމާހާއާއި އަދި ފަސް އަހަރުގެ ދަރިފުޅާ އެކުގަ އެވެ. ދަރިފުޅު މިހާރު ވަނީ މެރީގެ އާއިލާއާ ހަވާލުކޮށްފަ އެވެ.