ކޮމަންޑޫ

ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް އަޅަނީ

ށ. ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް އަޅަން ނިންމައިފި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް އަަޅަން ނިންމިކަން ހާމަކުރައްވައިފަ އެވެ.

މަހުލޫފް ވިދާޅުވީ ދަނޑެއް ނެތި ކޮމަންޑޫ ރައްޔިތުން ފުޓުބޯޅަ ކުޅުމުން މަހުރޫމްވެފައިވާތާ 30 އަހަރު ވެފައިވާ ކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެމްޓީސީސީގެ ގެ ސީއެސްއާރްގެ ދަށުން ދަނޑެއް ގާއިމްކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގައި މަސައްކަތް ފެށޭނެ." މަހުލޫފްގެ ޓުވީޓުގައި ވެެއެވެ.

ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް އަޅަން ނިންމިއިރު ހުސްވެފައިވާ ކޮމަންޑޫ ދާއިރާއަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އައްޔަނުކުރުމަށް ބާއްވާ އިންތިހާބްގެ ވަގުތު ވަނީ ކުޑަތަންވެފަ އެވެ.

އަންނަަ މަހު ފަސްވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވާ އިރު އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅުން ދަނީ ބުނަމުން ނެވެ. އެގޮތުން ކުއްލިއަކަށް ގިނަ އަދަދެއްގެ ވަޒީފާތައް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކޮމަންޑޫގައި އިއުލާންކުރަމުންދާ ކަމަށް ވެސް ތުހުމަތު ކުރެއެެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން މިހާތަނަށް ނިންމާފައިވަނީ އެމްއެންޕީ އާއި އެމްޑީޕީގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓެކެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕޭނަށް އެމްޑީޕީއާއި އެމްއެންޕީގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ޓީމުތައް މިހާރު ވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ކެމްޕޭން ފަށާފަ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތު ސަރުކާރާއި ފެނަކަ އިން ވަނީ ދޮގުކޮށްފަ އެވެ.