ހަބަރު

ފިލްމް އެސޯސިއޭޝަން އޮތީ ކޯމާއެއްގައި: އާމިރު

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން އޮތީ ކޯމާއެއްގައި ކަމަށް ވިދާޅުވެ އެ އެސޯސިއޭޝަންގެ އެއް މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ފާޑުވިދާޅުވެއްޖެ އެވެ.

ފިލްމު އެސޯސިއޭޝަނަށް އާމިރު ފާޑު ވިދާޅުވެފައި މިވަނީ އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވެގެން ދިޔައިރު ވެސް އާ ބޯޑެއް އިންތިހާބު ކުރެވިފައި ނުވާތީ އެވެ. އެކަމާ ގުޅިގެން އެސޯސިއޭޝަންގެ މަސައްކަތްތައް ވަނީ މުޅިން ހުއްޓުމަކަށް އައިސްފަ އެވެ.

ފިލްމު އެސޯސިއޭޝަންގެ މިހާރުގެ ހާލަތާ ގުޅޭގޮތުން އަވަސްއާ ވާހަކަދައްވަމުން އާމިރު ވިދާޅުވީ ފިލްމީ ދާއިރާގެ މަސައްކަތްތަކުގައި އެ އެސޯސިއޭޝަންގެ މާބޮޑު ދައުރެއް މިހާރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އެހެންވެ އަޅުގަނޑަށް މިހާރު ގަބޫލުކުރެވެނީ ފިލްމު އެސޯސިއޭޝަން އެ އޮތީ ކޯމާއެއްގައި ކަމަށް،" އާމިރު ވިދާޅުވި އެވެ.

ފިލްމު އެސޯސިއޭޝަންގެ ޗެއާޕާސަނަކަށް އެންމެ ފަހުން ހުރީ މަޝްހޫރު ކެމަރާމަން ޝިވާޒް އަބްދުﷲ (މާސްކޭ) އެވެ.

އާމިރު ވިދާޅުވީ އެސޯސިއޭޝަންގައި އެންމެ ފަހުން އޮތް ބޯޑުގެ ދައުރާ އެކު ކޮވިޑް 19ގެ ބަލިމަޑުކަމާ ކުރިމަތިލާން ޖެހުމުން ވެސް އެސޯސިއޭޝަންގެ މަސައްކަތްތަކަށާއި ފިލްމީ ދާއިރާއަށް ބޮޑެތި މައްސަލަތައް ދިމާވި ކަމަށެވެ.

"އެކަމުގެ ސަބަބުން ހަގީގަތުގައި ފިލްމު އެސޯސިއޭޝަން ވެއްޓިގެން ދިޔައީ ވަރަށް ފުން ވަޅުގަނޑަކަށް. އަދި އެވަޅުގަނޑުން އަރައި ގަތުމަށް ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނަ. އަދި ބުރަ،" އާމިރު ވިދާޅުވި އެވެ.

އެންމެ ފަހުން ފިލްމް އެސޯސިއޭޝަންގެ އިންތިހާބު ބާއްވާފައިވަނީ 2018 ވަނަ އަހަރު އެވެ. ދެ އަހަރުގެ މުއްދަތަކަށް ހޮވި އެ ބޯޑުގެ ދައުރު ހަމަވީ 2020 ވަނަ އަހަރު އެވެ.

އާމިރު އިތުރަށް ވިދާޅުވީ ފިލްމު އެސޯސިއޭޝަން މިވަގުތު ކޯމާއެއްގައި އޮތަސް ނިމިދިޔަ ދައުރުގެ ތެރޭގައި މަސައްކަތްތަކެއް ކުރެވޭތޯ އެސޯސިއޭޝަނުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެންނާއި އެއްބާރުލުން ދޭން ޖެހޭ ބައެއް ފަރާތްތަކުން އެއްބާރުލުން ދީފައި ނުވާތީ ބޭނުންވި އަމާޒުތަކަށް ވާސިލްވެވިފައި ނުވާ ކަމަށެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ އާ އިންތިހާބު ބޭއްވޭނެ ދުވަހެއް ބުނަންވެސް އެ ޖަމިއްޔާގެ ފައުންޑާ މެންބަރުންނަކަށް ނޭނގުނެވެ.