ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ދިއްދޫ ޖޫނިއާ ކޮލެޖް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ތިލަދުންމަތީ އުތުރުގެ ވެރިރަށް ދިއްދޫގައި ޖޫނިއާ
ކޮލެޖެއް އިމާރާތްކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ފަރާތް ތަކަށް ހުޅުވާލާފައިވަނީ މިއަދު އެވެ.

މިކަމާއި ގުޅޭ ގޮތުން ފިނޭންސް އިން ނެރެފައިވާ އިއުލާނުގައި ވާގޮތުން މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު ގައިވާ ގޮތުގެމަތިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އަދި މި މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުޞޫލުގެ މަތިން ކަމަށް ބުނެފައިވެއެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތު ތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިޔާ ބީލަން ފޮތުގައި ހިމަނާފައިވެއެވެ.

ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކުރުމަކީ ރައީސް އިބްރާހިމް މުހަންމަދް ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި ކޮލެޖު އެޅުމުގެ މަސައްކަތް ފެށުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ 2020 ވަނަ އަހަރުއެވެ. އެ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބަޖެޓުގައިވެސް އެ މަސައްކަތް ހިމަނާފައި އޮތެވެ. ނަމަވެސް އެއަހަރު އެ މަސައްކަތް ފެށޭގޮތް ނުވެ ލަސްވީ އެވެ. އެ ކޮލެޖު ގާއިމު ކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 1.6 މިލިއަން އަދި 2021 ވަނަ އަހަރު ތިން ލައްކަ ރުފިޔާ ހިމެނިއެވެ.

މިކަމާއި ގުޅޭގޮތުން ނިމިދިޔަ 2021 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާ ސުވާލު ކުރުމަށް އެޑިވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ 2023 ގައި އެ ކޮލެޖުގައި ކިޔަވައި ދެވޭނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ފަށަން ނިންމާފައި ވަނީ ކަރިިކިއުލަމް ވެސް ރަނގަޅަށް ޑިވޮލޮޕްކޮށް ތަނުގެ ކޮންސެޕްޓްވެސް ޑިޒައިންކޮށް ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ.