ދުނިޔެ

ކަޒަކިސްތާންގައި އަމަން ގެއްލި، އެހީއަށް އެދިއްޖެ

ކަޒަކިސްތާންގެ ސަރުކާރުން ގޭހުގެ އަގަށް ގެނައި ކުއްލި ބަދަލާ ގުޅިގެން ރައްޔިތުން މަގުތަކަށް ނުކުމެ ޖެނުއަރީ ދޭކުން ފެށިގެން ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގެ ސަބަބުން އަމަން ގެއްލި ލޭއޮހޮރުވުމަކަށް ބަދަލުވެއްޖެ އެވެ.

ކަޒަކިސްތާންގައި އެއްގަމު އުޅަނދުފަހަރު ދުއްވަން ބޭނުންކުރަނީ "ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް" (އެލްޕީޖީ) ނުވަތަ ކައްކާ ގޭހެވެ.

ގޭހުގެ އަގު ބޮޑުވާން ދިމާވި ސަބަބަކީ ސަރުކާރުން ކުރިން ދެމުން ގެންދިއަ ސަބްސިޑީޒް، ކުރިއާލައި އެންގުމެއް ނެތި ކަނޑާލުމުންނެވެ. ސަބްސިޑީޒްގެ ގޮތުގައި ސަރުކާރުން ދެމުން ގެންދިއަ އެހީތެރިކަން ވެފައި އޮތީ އާންމުންނަށް ވަރަށް ބޮޑު ފަސޭހައަކަށެވެ.

ކަޒަކިސްތާންގައި މިއިން ޒަމާނަކު ވެސް ހަމަނުޖެހުމެއް ހިނގާފައި ނުވެ އެވެ. އެހެން ނަމަވެސް، ގޭހުގެ އަގަށް ގެނައި ބަދަލު ސަބަބަކަށް ހަދައި އާންމުން މަގުތަކަށް ނުކުމެ އަމަން ބަލަހައްޓާ އޮފިސަރުންނަށް ހަމަލާދީ ސަރުކާރުގެ އިދާރާތަކުގައި ވަނީ ހުޅުޖަހާފަ އެވެ.

އަމަން ބަލަހަައްޓާ އޮފިސަރުންގެ 353 މީހަކަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށް ދައުލަތުގެ ޚަބަރު އެޖެންސީ، ޚަބަރު 24 އިން ބުނެ އެވެ. އަދި 13 އޮފިސަރަކު މަރާލާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. މަރުވެފައި ތިބި ބައެއް އޮފިސަރުންގެ ބޯވަކިކޮށް ފުޓުބޯޅަ ކުޅޭ ހިސާބަށް މަޝްރަހު އޮތީ ބަދަލުވެފަ އެވެ.

އާންމުން ރުއްސުމަށްޓަކައި ރައީސް، ގާސިމް ޖޫމާރަތު ތޫކަޔޭވް ވަނީ ކެބިނެޓް އުވާލައްވައި މުޅިން އާސަރުކާރެއް އެކުލަވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އާންމުން އެދި ގޮވާލި ހުރިހާ ކަމެއްހެން ސަރުކާރުން ކޮށްދީފައިވާ އިރުވެސް،. ހަމަނުޖެހުންތައް އަދި ވެސް ދަނީ ކުރިއަށެވެ.

ކަޒަކިސްތާންގެ ވިޔަފާރި ސިޓީތަކަށް ދާން އޮންނަ މަގުތައް ބަންދުކޮށް ބަލިމީހުންނަށް ފަރުވާ ނުދެވޭނޭހެން ހޮސްޕިތަލްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އެއްގަމު އުޅަދުތަކުގައި ހުޅުޖަހައި އިމާރާތްތަކަށް އަލިފާންބޮން އުކުމުގެ ސަބަބުން އަވަށްތަކުގައި ވަނީ ހުޅުފަޅައިގެން ގޮސްފަ އެވެ.

ރައީސް ގާސިމް ވިދާޅުވި ގޮތުގައި އާންމުގެ ނަމުގައި މިހާރު ހަމަނުޖެހުން ހިންގަމުން ގެންދަނީ ޓެރަރިސްޓުންނެވެ. އެއީ ބޭރުގެ ޖަމާއަތްތަކުން މަދަދު ލިބިގެން ހިންގާ ހަރަކާތްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކަޒަކިސްތާންގައި އަމަން ގާއިމުކުރުމަށް ގާސިމް ވަނީ ރަޝިއާގެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި ކުރީގެ ރޫސީވިލާތަށް ނިސްބަތްވާ ގައުމުތައް ގުޅިގެން ކަޒަކިސްތާންގައި މަސްލަހަތު ބަލަހައްޓައި ދިނުމަށް ވެސް ގާސިމް ވަނީ އެދިވަޑައިގެންފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން ރަޝިއާގެ އަސްކަރީ ފައުޖުތައް މިހާރު ވަނީ ކަޒަކިސްތާނަށް އަރާފަ އެވެ. ފައުޖުތަކުގައި ހިމެނޭ އޮފިސަރުންގެ އަދަދު، ދެގައުމުން ކުރެ ގައުމަކުން ހާމަނުކުރި ނަމަވެސް ބުނެވޭ ގޮތުގައި ރަޝިއާ ސިފައިން ކަޒަކިސްތާންގައި އަދާކުރާނީ އަމަން ބެލެހެއްޓުމެވެ.

ކަޒަކިސްތާންގައި ހަމަނުޖެހުން ބޮޑުވެ ފުޅާވުން ރަޝިއާއަށް ވަރަށް ބޮޑު ނުރައްކަލަކަށް ވެސް ވެދާނެ އެވެ. ރަޝިއާއިން ޖައްވަށް ސޮޔުޒް ރޮކެޓްތައް ފޮނުވަނީ ކަޒަކިސްތާންގެ ބައިކަނޫރު ކަސްމަދުރޯމުންނެވެ.

ރަޝިއާއިން އޮތީ ހަމަނުޖެހުންތައް ބައިކަނޫރަށް ފޯރަފާނެ ކަމަށް ބަލައި ސަލާމަތީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ.