ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ފުލުހުންނަށް އަދީބު ރިޝްވަތުދިން މައްސަލަ އަންނަ ހަފުތާ ކޯޓަށް ވައްދަނީ

ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ފުލުހުންގެ އިންޓެލް އޮފިސަރުންނަށް ރިޝްވަތު ދިން މައްސަލަ ޕީޖީއިން ދިރާސާކުރުމަށް ފަހު އަންނަ ހަފުތާގެ ތެރޭގައި ކްރިމިނަލް ކޯޓަށް ހުށަހަޅާނެ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު "އަވަސް"އަށް މިއަދު ވިދާޅުވީ ފުލުހުން ތަހުގީގުކުރުމަށްފަހު ޕީޖީ އޮފީހަށް ފޮނުވި، އަދީބުގެ ރިޝްވަތުގެ މައްސަލަ މިހާރު ދިރާސާކުރަމުންދާ ކަމަށާއި އަންނަ ހަފުތާގެ ތެރޭގައި މައްސަލަ ކޯޓަށް ވައްދޭނެ ކަމަށެވެ.

ފުލުހުން ތުހުމަތުކޮށްފައި ވަނީ އިންޓެލިޖެންސް ރިޕޯޓްތަކެއް ހޯދުމަށް އަދީބު ފުލުހުންގެ ދެ އިންޓެލް އޮފިސަރަކަށް ރިޝްވަތު ދިން މައްސަލަ އެވެ. މީގެ އިތުރުން ފުލުހުންގެ އެކި ލެވަލްތަކުގެ މީހުންނަށް ރިޝްވަތު ދިން ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ. އަދީބުގެ އެޕާޓްމަންޓަކުން ފުލުހުންގެ އިންޓެލް ރިޕޯޓްތަކަކާއި އެހެން ވެސް ލިޔެކިޔުންތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުންގެ އިންޓެލް ރިޕޯޓްތައް ހޯދުމަށް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ރިޝްވަތު ދީފައިވާ ކަމަށް ފުލުހުން ތުހުމަތުކޮށްފައި ވާއިރު، ޖުލައި މަހުން ފެށިގެން ރައީސް އަބްދުﷲ ޔާމިން އަށް އިންޓެލް ރިޕޯޓްތައް ލިބިވަޑައި ނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ވެސް އަދީބުގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އަދި މީގެ އިތުރަށް އަދީބުގެ އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނާ މައްސަލައިގައި ވެސް އަންނަނީ ޓެރަރިޒަމްގެ ދައުވާ އަދީބުގެ މައްޗަށް ވަނީ އުފުލައިފަ އެވެ.