އޮމްބަޑްސްޕާސަންގެ އޮފީސް

މައްސަލަ ނިންމަން އިންތިގާލީ އޮފީހަށް އޮތް މުއްދަތު އުވާލައިފި

އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ ބަދަލު ނަގައިދިނުމާ ގުޅޭ މައްސަލަތައް ކޯޓަށް ހުށަހެޅުމުން އެ މައްސަލަތައް ނިންމަން ދީފައިވާ މުއްދަތު އުވާލައިފި އެވެ.

އިންތިގާލީ އިންސާފުގެ ދަށުން ބަދަލު ނަގައިދިނުމުގައި ކޯޓު ތަކުން އަމަލު ކުރާނެ އިޖުރާއަތުތަކާއި ބަދަލު ނަގައިދޭނެ އަދަދުތަކުގެ މިންގަނޑުތަކުގެ ގަވާއިދުގައި، އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތައް ކޯޓުތަކުން ނިންމަން ޖެހޭ މުއްދަތު ކަނޑައެޅުމަށްފަހު މިދިޔަ ޑިސެމްބަރު މަހު ގެޒެޓްކުރި އެވެ.

އެގޮތުން ކޯޓަށް ހުށަހެޅުމުން ގިނަ ވެގެން 18 މަސް ދުވަހުގެ ތެރޭގައި އެ މައްސަލަތައް ނިންމަން ޖެހޭ ގޮތަށް ގަވައިދު އޭރު ވަނީ އެކުލަވާލައިފަ އެވެ.

އެކަމަކު މިދިޔަ ބުރާސްފަތި ދުވަހު އެ އޮފީހުން ބުނެފައި ވަނީ އެ މާއްދާ އެ ގާވާއިދުން އުނިކޮށްފައިވާ ކަމަށެވެ.

އެ ގަވައިދުގެ ފަސްވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ސީދާ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ ތިން ބާވަތެއްގެ އަނިޔާ އަށެވެ. އެއީ މާލީ ގޮތުން ލިބިފައިވާ ސީދާ ގެއްލުމަށާއި، ދާއިމީކޮށް ނަފްސާނީ ގޮތުން ގެއްލުންވުން ނުވަތަ މަރުވުން އަދި ގުނަވަނެއް ނެތިދިޔުން ނުވަތަ ދާއިމީކޮށް ގުނަވަނެއް މަސައްކަތް ނުކުރުން ނުވަތަ އެހެންވެސް ދާއިމީ ޖިސްމާނީ ގެއްލުމެއް ލިބިފައިވާ މައްސަލަތަކުގަ އެވެ.

ގެއްލުމުގެ ބަދަލު ނަގައިދެނީ ގެއްލުންވި ތާރީހުން ފެށިގެން މިއަދާ ހަމައަށް ހިނގި މުއްދަތާއި މުޖުތަމައުގައި އެ މީހެއްގެ މަގާމަށް އައި ބަދަލާ ލިބުނު ގެއްލުމަށް ބަލައިގެންނެވެ. ވަގުތީ ބަދަލު ނަގައިދިނުމަށް ވެސް ގަވައިދުގައި ހުރަހެއް ނެތެވެ. އެކަމަކު މުޅި މައްސަލަ ނިންމާއިރު ވަގުތީ ބަދަލެއް ދީފައިވާނަމަ އެކަމަށް ކޯޓުން ރިއާޔަތްކުރަންޖެހެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނާއި ގަވައިދުގެ ދަށުން މީހަކަށް ބަދަލު ދިނުމަށް ކޯޓުން ކަނޑައަޅާފއިވަނިކޮށް، އެ މުއްދަތުގެ ތެރޭގައި ބަދަލު ނުލިބިގެން މީހަކު ކޯޓަށް އެކަން އަންގާ، ހުކުމް ތަންފީޒު ކުރާނަމަ ކުރަންވާނީ އެކޯޓަށް ހުށަހެޅޭ އެހެނިހެން ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކާ އެއް އުސޫލަކުން ކަމަށްވެސް ގަވައިދުގެ 22 ވަނަ މާއްދާގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރު ޑިސެމްބަރުގައި އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހުގެ މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމެވެ.

އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ އިންތިގާލީ އިންސާފުގެ އޮފީހެއް އުފެއްދުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ. ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތަކާއި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ވެސް ރައީސް ސޯލިހް ވަނީ ރިޔާސީ ކޮމިޝަން އުފައްދަވާފަ އެވެ. ނަމަވެސް ރައީސް އުފައްދަވާފައިވާ ކޮމިޝަންތަކުންނާއި އެކިއެކި ކޮމިޓީތަކުގެ މަސައްކަތުން އިންސާފު ނުލިބޭތީ އާންމުންގެ ފާޑުކިޔުން ބޮޑެވެ.