ހަބަރު

އިސްލާމީ ލަޝްކަރަށް ރާއްޖެއިން މަރުހަބާ ކިޔައިފި

ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސައުދި އަރަބިއްޔާއިން އެކުލަވާލި، އިސްލާމީ ލަޝްކަރަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޓެރަރިޒަމާ ދެކޮޅަށް ސައުދީން އިސްނަގައިގެން އެކުލަވާލި އިސްލާމީ ލަޝްކަރަަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.

ސައުދީ އަރަބިއްޔާ އިން ކޮމާންޑަރެއްގެ ރޯލް ކުޅޭ މި ފައުޖާ ގުޅޭ ގޮތުން ގުޅިފައިވާ ގައުމުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފައުޖުގެ މައިގަނޑު ބޭނުމަކީ ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން ހަނގުރާމަ ކުރުން ކަމަށެވެ. އަދި ފައުޖުގެ ކޮމާންޑް ސެންޓަރު ހުންނާނީ ސައުދީ އަރަބިއްޔާގެ ވެރިވަށް ރިޔާޒްގަ އެވެ.

ވޭތުވެ 72 ގަނޑިއިރުގެ ތެރޭގައި 34 ގައުމެއް ވަނީ ފައުޖުގެ ރިޒޮލިއުޝަންގައި ސޮއިކޮށްފައި ކަމަށް ސައުދީ ފޮރިން މިނިސްޓްރީ އިން ބުންޏެވެ. އެ ގައުމުތަކަކީ ރާއްޖޭގެ އިތުރުން؛ ސައޫދީ، ޖޯޑްން، އެމިރޭޓްސް، ޕާކިސްތާން، ބަހްރައިން، ބަނގްލަދޭޝް، ބެނިން، ތުރުކީ، ޗާޑް، ޓޯގޯ، ތޫނިސް، ޖިބޫތީ، ސެނެގާލް، ސޫދާން، ސިއެރަލިއޯން، ސޯމާލިޔާ، ގެބޯން، ގިނީ، ފަލަސްތީން، ކޮމިރޯސް، ގަތަރު، ކޮއްޑިވޯރް، ކުވައިތު، ލުބްނާން، ލީބިޔާ، މާލީ، މެލޭޝިޔާ، މިސްރު، މޮރޮކޯ، މޮރިޓޭނިޔާ، ނައިޖަރް، ނައިޖީރިޔާ އަދި ޔަމަނެވެ.

މީގެ އިތުރުން އިތުރު 10 ގައުމެއް އެ ފައުޖާ ގުޅުމުގެ މަޝްވާރާތައް ކުރާ ކަމަށް ވެސް އެ ގައުމުން ބުންޏެވެ.

ސައުދީ އިން ބުނާ ގޮތުގައި، މި ފައުޖަކީ ޔަމަނަށް ހަމަލާދިނުމަށް އުފެއްދި ފަދަ އަސްކަރީ ގުޅުމެއް ނޫނެވެ. އަދި މި ފައުޖުގައި ބައިވެރިވާ ގައުމުތަކަށް އެ ގައުމެއް ބޭނުންވާ މިންވަރަކަށް ފައުޖުގައި ބައިވެރިވެ އެހީތެރި ވުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި މި ފައުޖު މަސައްކަތް ކުރާނީ ދުނިޔޭގައި އުފެދިފައިވާ އެހެން ވެސް މިފަދަ ދުނިޔޭގެ ގުޅުންތަކާ ވެސް ގުޅިގެން ކަމަށް ސައުދީ އިން ވަނީ ހާމަކޮށްފަ އެވެ.