ހަބަރު

ހިތްހަމަ ނުޖެހިގެން ފިނޭންސްގެ ޕީއެސް އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ އެންގުމަށް ފިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އިސްމާއިލް އަލިމަނިކު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިސްމާއިލް އަލިމަނިކު މިއަދު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ފިނޭންސް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށް ބައެއް ސެކްޝަންތައް އުވާލަން ސަރުކާރުން ވަނީ ނިންމާފައެވެ.

"އަވަސް" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ފިނޭންސްގެ ހިންގުމަށް މިހާރު އައިސްފައިވާ ބަދަލުތަކާ އެކު ބައެއް ސެކްޝަންތައް ބޭނުން ނުވާތީ އުވާލަން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ސެކްޝަންތައް އުވާލުމުން ބައެއް ފަންނީ މުވައްޒަފުންގެ ވަޒީފާ ގެއްލޭ ކަމަށް މުއާޒު ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި، ފިނޭންސަށް ގެންނަ ބަދަލަކީ ސަރުކާރުގެ ބައެއް މިނިސްޓްރީ ތަކުގައި ތިބި ފަންނީ ބައެއް މުވައްޒަފުންގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުކުރެވޭތީ ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރެއިން ކުރާ ކަމެކެވެ. އަދި އެ ބަދަލުތަކާ އެކު ވަޒީފާ ގެއްލޭ ފަންނީ މުވައްޒަފުން ސިވިލް ސާވިސްގެ އެހެން ވަޒީފާތަކަކަށް ހަމަޖައްސަވަން ރައީސް މިހާރު ގޮތްތަކެއް ހަމަޖައްސަވަން މަސައްކަތް ކުރައްވާ ކަމަށް މުއާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ބަދަލަކީ އެއްވެސް މުވައްޒަފެއް ބާކީ ކުރުމަށް ސަރުކާރުން ގެންނަ ބަދަލެއް ނޫނެވެ.

ރައީސް އޮފީހުގެ އެންގުމަށް އުވާލަން ނިންމާފައި ވަނީ ދައުލަތުގެ ބަޖެޓް ސެކްޝަނާއި އޮޑިޓް ސެކްޝަން އަދި ބޭރުގެ އެހީއާ ގުޅޭ ކަންކަން ކުރާ ސެކްޝަނެވެ. އެ ތިން ސެކްޝަން އުވާލައި ދެން ހުރި ކޮންމެ ސެކްޝަނަކުން ދެ މުވައްޒަފަކު މަދު ކުރަން ނިންމާފައިވެ އެވެ. އެއާ އެކު ޖުމްލަ 74 މުވައްޒަފެއްގެ ވަޒީފާ ގެއްލެ އެވެ.