ކޫއްޑޫ

ކޮވިޑުން ރައްކާތެރިވުމަށް ކޫއްޑޫގައި ހާއްސަ ފިޔަވަޅުތަކެއް

Jan 9, 2022

ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިވުމުގެ ގޮތުން ކޫއްޑޫގައި ހާއްސަ ފިޔަވަޅުތަކެއް އަޅައިފި އެވެ.

މިފްކޯގެ ދަށުން ހިންގަމުން ގެންދާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ވަނީ ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު މެސެޖަކުން މަސްވެރިންނާ ހިއްސާކޮށްފަ އެވެ. ފިޔަވަޅުތައް ތަންފީޒު ކުރުމަށް އެއްބާރުލުން ދިނުމަށްވެސް އެދިފައިވެ އެެވެ.

ކޫއްޑޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މަސް ކިރުމަށް ކޫއްޑޫ ޖެޓީއަށް ފޭބުމަށް ނުވަތަ ބޯޓަށް އަރަންޖެހޭ ހާލަތުގައި މަސްވެރިން މާސްކު އަޅައިގެން ތިބުމަށް އެދިފައިވެ އެވެ.

މަސް ކިރުމަށް ކޫއްޑޫ އަށް ފޭބޭނީ އަދި ބޯޓަށް އެރޭނީ ކޮންމެ މަސް ދޯންޏަކުން ދެ މީހަކަށް ކަމުގައިވެސް ހަމަޖައްސާފައިވެ އެވެ. ކޫއްޑޫގައި ހުންނަ ފިހާރައިން ވިޔަފާރި ކުރުމަށް ފިހާރައަށް ވަދެވޭނީ ވެސް އަދި އެރަށުގައި ހުންނަ ވޯކްޝޮޕްގެ ހިދުމަތް ހޯދުމަށް އެތަނަށް ދެވޭނީ ވެސް ކޮންމެ ދޯންޏަކުން އެންމެ މީހަކަށް ކަމުގައިވެސް ބުނެފައިވެ އެވެ.

ކޫއްޑޫގައި ހިންގާ ފިހާރައިން އެއްފަހަރާ އެންމެ ގިނަ ވެގެން ހިދުމަތް ދޭނީ ފަސް މީހުންނަށް ކަމުގައިވެސް މަސްވެރިންނަށް އަންގާފައިވެ އެވެ.

ކޮވިޑް 19ގެ ހާލަތު މިދިޔަ އަހަރު އެންމެ ގޯސްވި ދުވަސްވަރު ކޫއްޑޫގައި މަސައްކަތް ކުރާ އެތައް ބަޔަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމުން ވަރަށް ގިނަ ދުވަހު އެރަށް މޮނިޓަރިންގައި ވެސް ބޭއްވި އެވެ.